ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލުން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލުކޮށްފިއެވެ.

މިގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

  • ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން - ޖިނާން މުހައްމަދު
  • އއ. ތައުލީމީ މަރުކަޒުގެ (އ.އ ރަސްދޫ) ލައިބްރަރީ ތަރައްގީކުރުން - އިސްމާއިލް ޝިމާއު
  • ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން - ފަހުދު ޢަބްދުއްޝަކޫރު
  • ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކުރުން - ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
  • ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕާކެއް ގާއިމްކުރުން - ޝިމްލާ އަހްމަދު

މިކަމާ ގުޅޭގޮތުން، ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި ވަނީ ކޮވިޑް-19ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއްވެސް ކުރިމަތިވެފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިދަތި އުނދަގޫ ހާލަތުގައި ވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކުއިރަށް ގެންދިޔަ ޕްރޮޖެކްޓެއް / ފޮޓޯ: ބީއެމްއެލް

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައެވެ. އަދި މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 25 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.