ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާ އެވަޓަން ކުޅުނު މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އަކުން އެއްވަރުވެއްޖެވެ.

ކޯވިޑް-19 ސަބަބުން ސީޒަންގެ ކުޅުން މެދުކަނޑާލުމަށް ފަހު ދެ ޓީމުން ވެސް ފުރަތަމަ ކުޅުނު މި މެޗްގައި މާ ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. މެޗުގެ ތެރޭގައި މާ ގިނަ ފުރުސަތުތަކެއް ވެސް އުފައްދާފައި ނުވާ އިރު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މިވަގުތު ތާވާލްގެ އެއްވަނައިގައި އޮތް ލިވަޕޫލެވެ.

އެހެން ނަމަވެސް މެޗްގެ ލީޑު ނެގުމާ އެންމެ ގާތަށް ދިޔައީ މެޗުގެ ގިނަ އިރު ދިފާޢީ ކުޅުމެއް ކުޅެމުން އައި އެވަޓަންއިން ނެވެ. މި ގޮތުން އެޓީމުގެ ފޯވަޑް ކެލްވަޓް ލުއީ ފޮނުވާލި ޝޮޓް ލިވާޕޫލްގެ ކީޕަރު އެލިސަން ސޭވް ކުރި އިރު މި އެ ބޯޅަ ގޯލަށް ވައްދާލަން ލިބުނު ފުރުސަތުގައި އެވަޓަންގެ ޓޮމް ޑޭވިސް ޖެއްސި ބޯޅަ ނިކުތީ ލަނޑީގައި ޖެހިފައެވެ.

މި މެޗްގައި ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުޙައްމަދު ސަލާހް ކުޅެފައި ނުވާ އިރު އެޓީމުގެ އިތުރު ދެ ކުޅުންތެރިން ވަނީ އިންޖަރީ ވެގެން ބާލާފައެވެ.

އެވަޓަންއާ ކުޅެގެން ލިބުނު ޕޮއިންޓާއެކު ލިވަޕޫލް މިވަނީ 83 ޕޮއިންޓާއެކު ލީގު ތައްޓާ ފަސް ޕޮއިންޓް ގާތަށް ޖެހިލާފައެވެ. އަދި މާދަމާ ރޭ މެންޗެސްޓަރ ސިޓީއާ ބާންލީ ކުޅޭ މެޗުން ސިޓީ ބަލިވެއްޖެނަމަ މިހަފްތާގެ ބުދަ ދުވަހު ލިވަޕޫލް ކްރިސްޓަލް ޕްލެސްއާ ކުޅޭ މެޗުން މޮޅުވެގެން އެރޭ ވެސް ލީގު ތަށި ކަށަވަރު ކުރެވިދާނެއެވެ.

ރޭގެ މެޗްގައި މޮޅު ޑިފެންސިވް ކުޅުމެއް ދެއްކި އެވަޓަންވަނީ ލިބުނު ޕޮއިންޓާއެކު ތާވާލްގެ 12 ވަނަ އަށް ޖެހިލާފައެވެ.