ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް އިދިކޮޅު މެންބަރުން ބޮއިކޮޓު ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓު ޕާލިމަންޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ އިދިކޮޅު ކޯލިޝަންގެ މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާތަނަށްވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާވެސް އިދިކޮޅު ކޯލިޝަނުން ބޯއިކޮޓު ކުރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ދިން އަނިޔާ އާއި ގުޅިގެން ތަހުގީގީ އިދާރާތަކުން ކުރަމުން ގެންދާ ތަހުގީގު އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު ވީހާވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް ވަނީ އެދިފައެވެ.

އިދިކޮޅު ކޯލިޝަނުން ނިމިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައިވެސް ބައިވެރިވެފައެއް ނުވެއެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އިދިކޮޅުގެ ބައިވެރިވުން މަޖިލީހުގައި އޮތުން މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.