ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގައިފިއެވެ.

ހައިލަމް އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެމްއެމްއޭ) ލިބިފައިވާ މުއާމަލާތްތަކުގެ ރިޕޯޓްތަށް ބެލި ބެލުމުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމުގައިވާ އަލްހާން ފަހުމީގެ ފަރާތުން މިދިޔަ އަހަރުގެ މެއި މަހުގެ 19ވަނަ ދުވަހު 200،000 ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެ މުއާމަލާތަކީ މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށްވެސް ބުނެފައިވެއެވެ.

އަލްހާންގެ ފަރާތުން ހައިލަމް އަށް ލިބުނު ދެލައްކަ ރުފިޔާ އާއި ގުޅިގެން މީގެކުރިން އަލްހާން ވިދާޅުވީ އޭނާ ހައިލަމް އަށް ދެލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އަދި އެއީ އޭނާ ހައިލަމް އަށް ދިން ލޯނެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

މި މައްސަލާގައި ހައިލަމް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި އޮތުމުން ހައިލަމް ވަނީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަލްހާން ފަހްމީގެ އަތުން އަނބުރާ ދައްކާގޮތަށް ހޯދި ދެލައްކަ ރުފިޔާ ފާޅުކަން ބޮޑުގޮތެއްގައި އެކައުންޓުން އެކައުންޓަށް ޓްރާންސްފާކުރުމަކީ އޭނާ މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، ފުލިސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެހެން ބިރު ނުދެއްކޭނެ ކަމަށެވެ.