އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އާ ކުޅުނު މެޗްގައި ފަހަތުން އަރާ ދެ ދެ ލަނޑު ޖަހާ މެޗް ކާމިޔާބުކޮށް ލީގުގެ ގަދަ ހަތަރެއްގައި ކަށަވަރުކުރުމާ ގާތަށް ޗެލްސީ ޖެހިލައިފިއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ ނިމެން ދެތިން މިނެޓަށް ވެފައި އޮއްވާ ކޯޓްނީ ހޯސްއެވެ. ތާވަލްގެ ފުލުން ދެވަނައިގައި އޮތް އެސްޓަން ވިލާއިން ލީޑު ނަގާފައިވަނީ ޗެލްސީއިން އެޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ދެވަނަ ހާފްގައި ވެސް ގިނަ ޗާންސްތައް އުފެއްދީ ޗެލްސީންނެވެ. އަދި މީގެ ތެރެއިން އެއް ފުރުސަތުގެ ބޭނުން ހިފާ 1-1 އަކަށް ސްކޯ އެއްވަރުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ކްރިސްޓިއަން ޕިއުލިސިކްއެވެ.

މި މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަރަންސޭސި ފޯވަޑް އޮލިވިއޭ ޖިރޫއެވެ. މީގެ ކުރިން އާސެނަލްއަށް ވެސް ކުޅުނު ޖިރޫގެ މި ލަނޑަކީ އޭނާ މިސީޒަންގައި ޖެހި ތިން ވަނަ ލަނޑެވެ. މެޗު ނިމުނީ 2-1 އަކުން ޗެލްސީ މޮޅުވެގެންނެވެ.

މި މޮޅާއެކު ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީ މިވަނީ ފަސްވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ހަ ވަނައިގައި އޮތް ވުލްވްސްއާ ފަސް ޕޮއިންޓް ދުރަށް ޖެހިލާފައެވެ.

މިއަދުގެ ބައްޔާއެކު ސީޒަން މެދުކަނޑާލާފައި އޮތުމަށް ފަހު އެސްޓަން ވިލާއިން ކުޅުނު ދެ މެޗުން އެޓީމަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. އެޓީމު އަދި ވެސް އޮތީ ރެލިގޭޝަންގެ ޒޯނުގައި ކަމަށްވާ އިރު ސީޒަންގައި ބާކީ ދެން އޮތީ އެންމެ އަށް މެޗެވެ.