އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ޝެފިއިލްޑް ޔުނައިޓެޑާ ނިއުކާސަލް ކުޅުނު މެޗު 3-0 އަކުން ނިއުކާސަލް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ އެއްވަރުގެ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުުގައި ޖެހި ތިން ލަނޑު ވެސް ފެނިފައިވަނީ ދެވަނަ ހާފްގައެވެ. މި ގޮތުން މެޗްގެ 55 ވަނަ މިނެޓްގައި ނިއުކާސަލްއަށް ލީޑު ހޯދައިދިނީ އެލަން ސެއިންޓް މެކްސިމެވެ.

އެޓީމުގެ ދެވަނަ ލަނޑަކީ ހިތްގައިމު ލަނޑެކެވެ. ޕެނަލްޓީ އޭރިއޭރިއާގެ ކަނަކުން ރިޗީ ޖެހި ލަނޑު ވައްދާލާފައިވަނީ 69 ވަނަ މިނެޓުގައެވެ.

ނިއުކާސަލްގެ ތިން ވަނަ ލަނޑަކީ އެޓީމުގެ ބްރެޒިލް އަށް ނިސްބަތްވާ ފޯވަޑް ޖޯލިންޓަން އަށް އެތަށް ގޮތަކުން ހާއްސަ ލަނޑެކެވެ. މި ގޮތުން 78 ވަނަ މިނެޓްގައި އޭނާ ޓީމަށް ކާމިޔާބުކޮށް ދިން މި ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ ނިއުކާސަލްއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑަށް ވީ އިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ނިއުކާސަލް ވަނީ 38 ޕޮއިންޓާއެކު ތާވާލްގެ 12 ވަނަ އަށް ޖެހިލާފައެވެ. އަންނަ ސީޒަންގައި އެޓީމު ލީގުގައި އޮންނާނެ ކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާ އިރު އެޓީމު އޮތީ ރެލިގޭޝަން ޒޯނާ 11 ޕޮއިންޓް ދުރުގައެވެ.

މިއަދުގެ މެޗަކީ ކޯވިޑް-19 ގެ ސަބަބުން މެޗްތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށިފަހުން ޝެފީލްޑް ޔުނައިޓެޑުން ކުޅުނު މެޗަށް ވާ އިރު މި ސީޒަންގައި ރީތި ކުޅުމެއް ދައްކާފައިވާ މި ޓީމަށް ދެމެޗުން ލިބިފައި މިވަނީ އެންމެ ޕޮއިންޓެކެވެ.