ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކަރަންޓީނުގެ އުސޫލުތަކާއި ހިލާފުވެ ބޭރަށް ނިކުތުމުގެ ސަބަބުން މިއަދު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ހޯމަ ކަރަންޓީނުގައި ތިބެ، ބޭރަށް ނިކުތުމުގެ ސަބަބުން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބަންދަށް ޖެހީ 14 ދުވަސް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ހޯމް ކަރަންޓީނު ވުމުގެ މުއްދަތަކީ މިހާރު 14 ދުވަހެވެ. އެހެންކަމުން މިހާރު ހޯމް ކަރަންޓީނުވަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މި އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން މިކަމަށް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ހޯމް ކަރަންޓީނުވުމުގެ އުސޫލާ ހިިލާފުވެގެން ދެ މީހަކު ފުވައްމުލަކުން ހައްޔަރު ކޮށްފައިވާއިރު، އެ ސިޓީން އަލި ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހޯމް ކަރަންޓީނަށްދާ މީހުން ދޫކޮށްލާނީ، ކަރަންޓީނު ވާތާ 14 ދުވަސް ވުމުން، ޕީސީއާރް ޓެސްޓު ހަދައި، ނަތީޖާ ނެގެޓިވްވާ މީހުން ދޫކޮށްލުމުންނެވެ.