ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އެކި ސަބަބުތަކާ ހެދި އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ދިވެހި ސަރުކާރާ ގުޅިގެން އަވަށްޓެރި އިންޑިއާގެ ސަރުކާރުން ހިންގާ އެންމެ ވަރުގަދަ އޮޕަރޭޝަންގެ ދަށުން ރާއްޖެއިން ދާ 5 ވަނަ ގުރޫޕު މިއަދު ރާއްޖެއިން ފުރާނެއެވެ.

މާލޭ ސިޓީގައި ބަނދަރުކޮށްފައިވާ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރުގައި މިއަދު 250 މީހަކު އެނބުރި އިންޑިއާއަށް ދާން ފުރާއިރު، މި މީހުންގެ ޑިޕާޗާ ޗެކްއައުޓްއާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ.

ރާއްޖެއިން ފުރައިގެން މި މަނަވަރު ދަތުރުކުރާނީ އިންޑިއާގެ ޓުޓިކޮރިންއަށެވެ.

އިންޑިއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެފައިވާ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމަށް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން އިންޑިއާއިން ދަނީ ވައިގެ މަގުންވެސް އެ ގައުމުގެ ރައްޔިތުން ރިޕެޓްރިއޭޓް ކުރަމުންނެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ކޭސްތައް ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް ފެންނަނީވެސް އިންޑިއާއިންނެވެ.