ކްރިމިނަލް ކޯޓު ޑިސްއިންފެކްޓް ކުރުމަށް މިއަދާއި މާދަމާގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، އެ ކޯޓުގެ ޝަރީއަތް ކުރާ ސެކްޝަނެއްގެ މުވައްޒަފަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެ މުވައްޒަފާ ސީދާ ކޮންޓެކްޓްވި މުވައްޒަފުންގެ ތެރެއިން ކަރަންޓީނަށް ދާން ޖެހޭ މުވައްޒަފުން ދެނެގަނެވިފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ.
އެ ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި ދެ ދުވަހު ކޯޓު ހުޅުވައިގެން ހިދުމަތް ނުދެވުނަސް، ބަންދާއިމެދު ގޮތް ނިންމުމުގެ އަޑުއެހުންތަކާއި ތަހުގީގުކުރާ އިދާރާތަކުން އެކި ކަންކަމަށް ބޭނުންވާ އަމުރުރައް ނެރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އެ މަސައްކަތް ގާޟީންނާއި މުވައްޒަފުން ގޭގައި ތިބެގެން ވާޗުއަލްކޮށް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ، އެ ކޯޓުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ގިނަ މުވައްޒަފުން ކަރަންޓީން ކުރަން ނުޖެހޭ ގޮތަށް ކޯޓުގެ މަސައްކަތްތައް ރޭވިފައިވާ ކަމަށެވެ. އެގޮތުން، ބަންދާއިމެދު ގޮތް ނިންމުމުގެ އަޑުއެހުންތަކާއި ތަހުގީގުކުރާ އިދާރާތަކުން އެކި ކަންކަމަށް ބޭނުންވާ އަމުރުތައް ނެރުމުގެ މަސައްކަތުގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީއަތުގެ އަޑުއެހުްތައް ލޮކްޑައުންގެ ހާލަތުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެކަން އެގޮތަށް ކުރިއަށް އޮތް ދުވަސްތަކަށް ވެސް ތާވަލުކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ.
ކްރިމިނަލް ކޯޓުން ބުނީ، ކޯޓުގެ މަސައްކަތްތައް ކުރުމަށް ގާޟީންނާއި މުވައްޒަފުން 15 ޖޫން އިން ފަށައިގެން ނުކުންނަނީ ދެ ދނަްފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ޖާގައިގެ ދަތިކަމުން ގިނަ ބަޔަކު އެއްފަހަރާ ނުކުމެގެން ގައިދުރުކަން ނުބެހެއްޓޭނެތީ އާއި އަޑުއެހުންތައް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކަމަށް ވާތީއެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ތިބީ މާލޭ ޖަލާއި މާފުށީ ޖަލުގައި ކަމަށްވާތީ ވީޑިއޯ ކޮންފަރެންސްކޮށް އެއްފަހަރާ ކުރިއަށް ގެންދެވޭނީ ދެ އަޑުއެހުން ކަމަށް ވާތީއެވެ.
ހެނދުނު ދަންފަޅީގައި ނުކުންނަ މުވައްޒަފުން މަސައްކަތް ކުރަނީ 9-12 އަށް ކަމަށްވާއިރު، މެންދުރު ދަންފަޅީގައި ނުކުންނަ މުވައްޒަފުން މަސައްކަތް ކުރަނީ 1-4 އަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އެ ކޯޓުން ބުނީ ކޮންމެ ދަންފަޅިއެއްގައި ނުކުންނަނީ ޝަރީއަތް ކުރާ ދެ ސެކްޝަނުން، ކޮންމެ ސެކްޝަނަކުން ވެސް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށެވެ. އަދި ޝަރީއަތ ްކުރާ 10 ސެކްޝަނުން ކުރެ ކޮންމެ ސެކްޝަނެއްގެ މުވައްޒަފުން ވެސް ނުކުންނާނީ ހަފްތާއަކި ދެ ދުވަހު އެއްބަޔަކާއެކުއެވެ.
މީގެ އިތުރުން އެ ކޯޓުން ބުނީ ކޯޓުގެ މަސައްކަތުގައި އުޅޭއިރު އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތަށް ގިނަގިނައިން އަތްދިވުމަށާއި އަބަދުވެސް މާސްކު އަޅާއިގެން އުޅުމަށް އަދި ތިން ފޫޓު ދުރުގައު ތިބުމަށް ގާޟީންނާއި މުވައްޒަފުންނަށް އިރުޝާދު ދީފައިވާ ކަމަށެވެ.