މާލޭ ހުޅަނގު ފަރާތް ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ސާފުކުރަން ފަށައިފިއެވެ.
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެ ސިޓީގެ އިންޑަސްޓަރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި އެއީ ވެމްކޯއާ ގުޅިގެން ކުރިއަށްސާ މަސައްކަތެއް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި ޕާކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް މިމަހުގެ 18 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގައިފައެވެ.
ދީފައިވާ އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި އެ ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން އެސަރަހައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަންގައިފިނަމަ އުކާލެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ ކުރިން އެ ސަރަހައްދަށް ވަދެލުމާއެކީ ފެންނަމުން ދަނީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ އެތައް އުޅަނދުތަކެވެ. އޭގެ އިތުރުން އެހިސާބަށް ރަނގަޅަށް ބަލާލައިފި ނަމަ އެ ސަރަހައްދަށް އަޅާފައިވާ ކުނި ބުނި އެތަނުގައި ޕާކްކޮށްފައިވާ ވެހިކަލްތަކަށް ވުރެ ގިނަކަން ފާހަގަ ވާނެއެވެ. މިފަދައިން އެ ސަރަހައްދަށް އުކާފައިވާ ކުނި ބުނިތަކުގެ ތެރޭގައި ހިމެނެނީ ގޮދަޑިތަކާއި ލަކުޑީގެ ބާވަތުގެ އެއްޗެއްސާއި އަންނައުނާއި ފެންނަން ނުޖެހޭތަކެއްޗާއި އެހެންގޮސް އެތައް އެއްޗެއް އެހިސާބުން ފެންނަ ކަން ފާހަގަކޮށްލެވެއެވެ. ދަޅާއި، ޓައްޕާއި ހަމާއި، ކަރުދާހާއި، ޕްލާސްޓިކް ފަދަ ތަކެތިވެސް އެހިސާބުން ފެންނަލެއް މަދެއް ނޫނެވެ.
ރަނގަޅު ވެއްޓެއް ބިނާކުރުމަށް ކަނޑައަޅައިގެން މުޅި މާލެތެރެ ސާފުކޮށް ބެލެހެއްޓުމުގެ ބޭނުމުގައި މި ސަރުކާރުން، މިދިޔަ އަހަރު ފެށިއިރު ވަނީ މުޅި މާލެތެރެ ސާފުކުރަން ނުކުމެ އެތައް ދިވެހި ރައްޔިތުންނެއް ވެގެން މާލޭގެ މިފަދަ ސަރަހައްދުތައް ސާފުވެސް ކޮށްފައެވެ. ނަމަވެސް ދުވަސްކޮޅެއް ވެސް ނުވެ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ކުނި ގިނަވެ އެ ސަރަހައްދަކީ "މާލޭ މުނިސިޕަލްޓީ ގޮނޑެކޭ" ތަފާތެއް ނެތް ވަރަށް އެ ސަރަހައްދު ވަނީ ހަޑި ކޮށްފައެވެ.