ކޯވިޑް-19ގެ ސަބަބުން އިނގިރޭސި ލީގުގެ ކުޅުން ހުއްޓާލުމުގެ ކުރިން ތާވާލްގެ އެންމެ ކުރީގައި ބޮޑު ލީޑެއް ނަގައިގެން އޮތް ލިވަޕޫލުން ހޯދަމުން ދިޔަ ނަތީޖާތައް ލީގު އަލުން ފެށުމުގެ ވެސް ނެރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާ އެހެން ނަމަވެސް ފުޓުބޯޅަ ކުޅުމަކީ 'ބައިސްކަލް ދުއްވުން' ކަހަލަ ކަމެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިއަަހަރުގެ މާރޗް މަހު ލީގު މެދުކަނޑާލަމަށް ފަހު ކުޅޭ ފުރަތަމަ މެޗުގައި މިރޭ ލިވާޕޫލް އަވަށްޓެރި އެވަޓަންއާ ކުރިމަތިލާ އިރު އެއްވަނައިގައި އޮތް ލިވަޕޫލާ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު 22 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. އަދި ދެ މެޗުން މޮޅުވެގެން ލިވަޕޫލަށް ތަށި ކަށަވަރުވާނެ އިރު މި ސީޒަންގައި ލިވާޕޫލް ދަށްވެފައިވަނީ އެންމެ މެޗަކުންނެވެ.

މިއަދުގެ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ އެވަޓަންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް އޭނާގެ ޓީމުން ދައްކާނެ ކަމަށް ބެލެވޭ ކަމަށެވެ. ކޮންމެ ހަފްތާއަކު ވަރުގަދަ މެޗްތައް ކުޅޭ ކުޅުންތެރި ނުވަ ހަފްތާ ވަންދެން ނުކުޅެ އެހެން ތިބެން ޖެހުމުން ފިޓްނަސް ގެއްލުމަކީ އެކަށިގެންވާ ކަމެއް ކަމަށާ ޓީމުގެ ކޯޗުން ބެލީ އެކުގައި ތަމްރީނުތައް ނުކުރެވުނު ނަމަވެސް ކުޅުންތެރި ފިޓްކޮށް ބޭތިއްބުމަށް ކަމަށެވެ. ކްލޮޕް ބުނީ މި ގޮތަށް ތަމްރީނު ކުރި ނަމަވެސް 11 ކުޅުންތެރި ޓީމެއްގެ ގޮތުގައި 90 މިނެޓް ކުޅުމަކީ މުޅިން ތަފާތު ކަމެއް ކަމަށާ މިއީ ބައިސްކަލެއް ދުއްވުން ކަހަލަ ކަމެއް ނޫން ކަމަށެވެ.

ބުނެވޭ ގޮތުގައި އުމުރުގައި އެއްފަހަރު ވެސް ބައިސްކަލް ދުއްވަން ދަސްކޮށްފިނަމަ ދެން ދުވަހަކު ވެސް އެކަން ކުރަން ހަނދާން ނުނެތެއެވެ.

އިނގިރޭސިވިލާތުގެ އެރަށަކަށް ނިސްބަތްވާ ލިވާޕޫލާއާ އެވަޓަން ކުޅޭ މެޗްތަކަކީ ޢާއްމު ގޮތެއްގައި އެންމެ ވާދަވެރި މެޗްތަކަށް ވާ އިރު މިއަދުގެ މެޗް ކުޅޭނީ އެވަޓަންގެ ދަނޑުގައި ސަޕޯޓަރުންނާ ނުލައެވެ.