އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމްއާ ކުޅެ 2-0 އަކުން މޮޅުވި މެޗުގައި ވުލްވްސްހެމްޕްޓަން ވޮންޑަރާޒްގެ ފޯވަޑް ރާއުލް ހިމެނޭޒް އާ ރެކޯޑެއް މުގުރާލައިފިއެވެ.
މެޗްގެ 73 ވަނަ މިނެޓްގައި ހަލުވި ފޯވަޑް އެޑަމާ ޓްރައިއޯރޭ ނަގައިދިން ހުރަހެއް ހިމިނޭޒް ބޮލުން ޖަހާ ކާމިޔާބުކޮށް ދިން ލަނޑަކީ މިސީޒަންގައި އޭނާ ޓީމަށް ޖަހާދިން 14 ވަނަ ގޯލެވެ. މިއާއެކު، ހިމިނޭޒް ވެފައި މިވަނީ ޕްރިމިއާ ލީގު ސީޒަންއެއްގައި ވުލްވްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މެޗްގެ 84 ވަނަ މިނެޓްގައި ވުލްވްސްގެ ޕެޓްރޯ ނީޓޯ ޖަހާދިން ލަނޑާއެކު އެޓީމުން ލީޑު ފުޅާ ކުރި އިރު މެޗް ނިމުނީ 2-0 ގެ ސްކޯލައިނަކާއެކު އެވެ.
މި މޮޅާއެކު އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ ކުޅުމަށް ވުލްވްސްއިން ދެކެމުން އަންނަ ހުވަފެނާ މިވަނީ ގާތްވެފައެވެ. މި ގޮތުން މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަނީ ތާވާލުގެ ހަ ވަނައަށް ޖެހިލާ ފަސްވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ މިސީޒަން ނިމޭ އިރު ތާވާލުގެ އެންމެ ކުރީގައި އޮންނަ ހަތަރު ޓީމަށެވެ.
މިރޭގެ މެޗުން ދަށްވުމާއެކު ވެސްޓްހޭމް މިވަނީ އަނެއްކާވެސް ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ރެލިގޭޝަން ޒޯނަށް ވުރެ އެއް ގިންތި މަތީގައި އޮތް ވެސްޓްހޭމް އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުން މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ.
ސީޒަންގައި ބާކީ ކުޅެން އަށް މެޗް އޮތް އިރު މީގެ ތެރޭގައި މިވަގުތު ތާވާލްގެ ގަދަ ދިހައެއްގައި ހިމެނޭ ތިން ޓީމާ އަދި ވެސްޓްހޭމް ކުޅެން ޖެހެއެވެ. އެހެން ކަމުން މިސީޒަންގައި ރެލިގޭޓްވާނެ އެއް ޓީމަކީ ވެސްޓްހޭމް ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.
ސީޒަން ނިމޭ އިރު ދެން އޮންނަ ލީގަށް ރެލިގޭޓްވާނީ ތާވަލުގެ ފުލުގައި އޮންނަ ތިން ޓީމެވެ. މިވަގުތު ޕްރިމިއާ ލީގު ތާވާލުގެ ފުލުގައި އޮތީ ނޯވިޗް، އެސްޓަން ވިލާ އަދި ބޯންމޯތެވެ.