ކޯވިޑް-19 ގެ ސަބަބުން އިންގްލިޝް ޕްރިމިއާ ލީގު ހުއްޓާލުމަށް ފަހު އަލުން ފަށައިގެން ކުޅުނު ދެވަނަ މެޗުން ވެސް އާސެނަލް ދަށްވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 3-0 އަކުން ބަލިވި އާސެނަލް މިއަދު މިވަނީ ރެލިގޭޝަންއާ ހަނގުރާމަ ކުރަމުންދާ ބްރައިޓަން އަތުން 2-1 އަކުން ބަލިވެފައެވެ.
ދެޓީމަށް ވެސް ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗްގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމެއް ގޯލެއް ކާމިޔާބުކޮށްފައި ނުވާ އިރު ދެވަނަ ހާފުގައި މެޗް ނިމެން ވިހި މިނެޓަށް ވެފައި ވަނިކޮށް އާސެނަލްއަށް ލީޑު ނަގައިދިނީ ޕެޕޭ ޖަހާދިން ރީތި ލަނޑުންނެވެ. ގޯލުގެ މަތީ ކަނަށް އޭނާ ވައްދާލި މި ލަނޑު ޖަހާފައިވަނީ ޕެނަލްޓީ އޭރިއާގެ ވާތު ކަނުގައި ހުރެއެވެ.
އެހެން ނަމަވެސް މާގިނަ އިރު ތަކެއް ނުވެ ބްރައިޓަންގެ ލުއިސް ޑަންކް ޖަހާދިން ލަނޑާއެކު އެޓީމުން ސްކޯ 1-1 އަށް ހެދިއެވެ. މެޗް ނިމެން ދިޔަ އިރު ދެ ޓީމަށް ވެސް ފުރުސަތުތައް ލިބުނު އިރު އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރޭގައި އާސެނަލްގެ ކޮޅަށް ލަނޑެއް ޖަހާ މެޗް ކާމިޔާބުކުރީ ބްރައިޓެންއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރައިޓަންއަށް ކުޅޭ ފަރަންސޭސި ފޯވަޑް ނީލް މޯޕޭއެވެ. މިއީ މިސީޒަންގައި މޯޕޭ ބްރައިޓަންއަށް ކާމިޔާބުކޮށްދިން ނުވަ ވަނަ ލަނޑެވެ.
އާސެނަލްގެ މައްޗަށް ހޯދި މި މޮޅާއެކު ބްރައިޓަން ތިން ޕޮއިންޓް ލިބުނު އިރު އެޓީމު މިވަނީ ރެލިގޭޝަންގެ ޒޯނުގައި އޮތް ތިން ޓީމާ ފަސް ޕޮއިންޓް ދުރަށް ޖެހިލާފައެވެ.
މިއާ ހިލާފަށް މިއަދުގެ މެޗުން ވެސް އާސެނަލް ބަލިވި އިރު ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު މިހާރު މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެޓީމު މިހާރު އޮތީ ސާޅީސް ޕޮއިންޓާއެކު ލީގު ތާވާލްގެ ނުވަ ވަނައިގައެވެ. އަނެއްކޮޅުން، މިއަދުގެ މެޗްގައި އާސެނަލްގެ ގޯލްކީޕަރު ލެނޯއަށް ލިބުނު އިންޖަރީގެ ސަބަބުން ޓީމުގެ ކޯޗު މިކެލް އާރޓެޓާގެ 'ބޮލުގެ ރިހުން' ވެސް މިވަނީ އިތުރުވެފައެވެ.