ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 19 ވަނަ ރައްޔިތުން މަޖިލީހުގެ އިތުބާރު ނެތީތޯ ކުރީގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އައްސަވައިފިއެވެ.
ރައީށް ސޯލިހަށް މަޖިލީހުން އިތުބާރު ނުކުރެވެނީތޯ އައްސަވާ މިރޭ މޫސާ މަނިކު ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާފައެވެ. ހަސަން ލަތީފް ވިދާޅުވީ، ފުލުހުންގެ ބިލަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެ ގޮތަށް ފުލުހުންގެ މުއައްސަސާ އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގައި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފަށް ރައްދު ދެއްވަމުން މޫސަ ވަނީ ފުލުހުންގެ ބިލް ސަރުކާރުން އިސްލާހު ކުރި ގޮތް ކަމުނުދަނީތޯ އައްސަވާފައެވެ. އެގޮތުން އޭޖީ އާއި ފުލުހުންގެ އިސްފަރާތްތަކަކީ މި ސަރުކާރުގެ އިތުބާރު އޮތް ފަރާތްތަކެއް ކަމަށް ވާއިރު އެމީހުންގެ އުނދަގޫތަކަށް ހައްލެއް ހޯދަން ފުލުހުންގެ ބިލަށް އިސްލާހެއް ހުށަހެޅީމައި މަޖިލީހުން އެހާ ބޮޑު ބަދަލެއް ގެންނާތީ އެކަން މޫސަ ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ސޯލިހަށް އިތުބާރު ނެތީތޯ އޭނާ އެއްސެވިއެވެ.
ހަމައެއާއެކު ފުލުހުންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން ކަމަށާއި ރައީސް ސޯލިހަކީ އެމްޑީޕީ ލީޑަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އިސްލާހު ކަމުނުގޮސްގެން ޕާޓީގެ ޗެއާޕާސަން މަޖިލީހަށް އިސްލާހުތަކެއް ހުށަހެޅީމައި ޕާޓީގެ ރައީސް މަޖްލީހުން އެ އިސްލާހު ކުރިއަށް ގެންދަވާކަން ވެސް މޫސަ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސް ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ވެރިން ހަނގުރާމަ އިއުލާން ކުރެއްވީތޯ މޫސަ އެއްސެވިއެވެ.
މީގެއިތުރުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރުން އޭރުގެ ރައީސް މުހައްމަދު ނަޝީދު މަޖްލީހަށް ފޮނުއްވި އެއްވެސް ގާނޫނަކަށް އިސްލާހަކަށް އޭރުގެ އެމޑީޕީގެ ޗެއާ ޕާސަން އަދި އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް މަޖްލީހުގައި އިތުރު އިސްލާހެއް ނުކުރައްވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ. ސަރުކާރުން ބިލު ފޮނުވުމުގެ ކުރިން މަޝްވަރާކޮށް ނިމިގެން އައުން އެއީ އަބަދުވެސް އަމަލުކުރާ ގޮތް ކަމަށާއި މިހާރުގެ 19 ވަނަ މަޖިލިސް ހަމަ ތަފާތީ ކަމަށް މޫސަ ވިދާޅުވިއެވެ.