އިސްހާލީ ބަދަލުތައް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށްކަން އެނގިގެން ގޮސްފައި ވާކަމަށް، 2019 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އޮތް ހާލަތު ބަޔާންކޮށް ވިލާތުގެ އިއްތިހާދުން އާންމު ކުރި ރިޕޯޓް ބުނެފިއެވެ.

އިސްހާލީ ބަދަލުތައް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުގައި އެބައޮތް ކަން އެނގިގެން ދިޔައީ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެވޭ ކަމަށް ބުނެ ކުރެވުނު ރިޕޯޓްތަކަކާ ގުޅިގެން، އދގެ ސްޕެޝަލް ރެޕަޗުއާ އޮން ޓޯޗާ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. ލާއިންސާނީ އަނިޔާ ދިނުމާ އިންސާނީ ދަށު ދަރަޖައިގެ އަދަބު ދިނުމާ ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާކަންވެސް ވިލާތުގެ އިއްތިހާދުގެ ރިޕޯޓްގައި ވަނީ ފާހަހަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ވިލާތުގެ އިއްތިހާދުގެ ރިޕޯޓްގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ރިޔާސީ އަދި މަޖިލީސް އިންތިހާބުތަކަށް ކުރި ކެމްޕޭންތަކުގައި ދެކެވުނު ޕްރޮޕަގަންޑާ ވާހަކަތަކާ އެއްގޮތަށް، ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ތަހުގީގުތަކެއް ކުރެވި، މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަންވެސް ވިލާތުގެ އިއްތިހާދުން ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ހަރަކާތްތެރިވަމުންދިޔަ އެންޖީއޯއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާކްޓް (އެމްޑީއެން) އުވާލި އުވާލުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދުން ވަނީ ސިފަކޮށްފައެވެ.

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ލިބުނު ބޮޑު ކާމިޔާބީއާއިއެކު ރާއްޖޭގެ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ހާލަތު ހެޔޮ ފާލަކަށް އެޅުމަށް ގާނޫނުތަކެއް އެކުލަވާލުވުމުގެ އިތުރުން ގާނޫނީ އިސްލާހުތަކެއްވެސް ގެނެސްފައިވާކަން ވިލާތުގެ އިއްތިހާދުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.