ކޯވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތުގެ ފުޓްބޯޅަ ލީގު އިންގްލިޝް ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު ރޭ ޓޮޓެންހަމް އާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗް 1-1 އެއް ވަރުވެއްޖެއެވެ.
ޓޮޓެންހަމްގެ ބިޔަ ދަނޑުގައި ސަޕޯޓަރުންނާ ނުލާ ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑު ޖަހައި ދިނީ މިއަހަރުގެ ޖެނުއަރީ މަހު ޓޮޓެންހަމްއާ ގުޅުނު ސްޓީވަން ބާރގްވިންއެވެ. މެޗްގެ 27 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށް ދިން މި ލަނޑަކީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑި ހިޔާގެ އަތުން 'ވަން' ލަނޑެއް ކަމަށް ކޮމެންޓޭޓަރުން ސިފަ ކުރި އިރު ސީޒަންގެ ކުރީކޮޅު ވެސް ޔުނައިޑެޓްގެ އިތުބާރު ހުރި ގޯލްކީޕަރު ވަނީ މިފަދަ ކޮސްތައް ހަދާފައެވެ.
މެޗްގެ ބާކީ ބައިގައި ދެ ޓީމުން ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ނުއުފެއްދި ނަމަވެސް 1-0 ގެ ނަތީޖާ ބަދަލުކޮށްލީ މެޗްގެ ދެވަނަ ހާފްގައި ކުޅެން ނިކުތް ޔުނައިޑެޓްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ޔުނައިޑެޓަށް ހޯދާދިން ޕެނަލްޓީ އަކުންނެވެ. ހަ މަސް ދުވަސް ފަހުން ޔުނައިޓެޑްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނުނު ޕޮގްބާ ހޯދައި ދިން ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެނުއަރީ މަހުގެ ޓްރާންފާ ވިންޑޯގައި ޔުނަައިޓެޑާ ގުޅުނު ބްރޫނޯ ފެނާންޑޭސްއެވެ. މެޗް ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ފެނާންޑޭސް ގޯލްގެ ތެރެއަށް ވައްދާލި މި ޕެނަލްޓީއަކީ ޔުނައިޓެޑާ ގުޅުނު ފަހުން އޭނާ ޓީމަށް ކާމިޔާބުކޮށް ދިން ހަތަރުވަނަ ލަނޑެވެ.
މެޗްގެ ލީޑު ނަގަން ޔުނައިޓެޑަށް އަނެއްކާ ވެސް ފުރުސަތު ލިބުނު ނަމަވެސް ޕެނަލްޓީއެއް ކަމަށް މެޗްގެ ރެފްރީ ޖޮން މޮސް ނިންމި ނިންމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ ވީ.އޭ.އާރްއިން ވަނީ ބަދަލުކޮށްފައެވެ.
1-1 ގެ މި ނަތީޖާއެކު ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބުނު އިރު އިންގްލިޝް ޕްރިމިއާ ލީގުގެ ތާވާލްގައި ޔުނައިޓެޓް އޮތީ ސާޅީސް ހަ ޕޮއިންޓާއެކު ފަސް ވަނައިގައެވެ. މި ޕޮއިންޓާއެކު އެޓީމަށް މިވަނީ ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވިފައެވެ.
މިއާ ހިލާފަށް ޓޮޓެންހަމް އޮތީ ސާޅީސް ދެ ޕޮއިންޓާއެކު އަށް ވަނައިގައެވެ. އަދި ތާވަލްގެ ހަތަރުވަނައާ އެޓީމާ ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.
އަންނަ ސީޒަންގެ ޔޫރަޕިއަން ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ ޕްރިމިއާ ލީގުގެ ތާވަލުގެ ގަދަ ހަތަރު ޓީމަށް އެކަންޏެވެ.
ރޭ ލީގުގައި ކުޅުނު އަނެއް މެޗްގައި ސައުތްހެމްޓަން ވަނީ ނޯވިޗް ސިޓީގެ އަތުން 3-0 އަކުން މޮޅުވެފައެވެ. ނޯވިޗްގެ ސްޓޭޑިއަމް ކެރޯ ރޯޑްގައި ކުޅުނު މި މެޗް ބަލަން އެއްވެސް ސަޕޯޓަރެއް ދަނޑަށް ވައްދާފައި ނުވާ އިރު މެޗްގެ ލަނޑުތައް ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދިނީ ޑޭނީ އިންގްސް، ސުޓައާޓް އާމްސް ސްޓްރޯގް އަދި ކުރިން ނޯވިޗްއަށް ކުޅުނު ނޭތަން ރެޑްމަންޑެވެ. މި މޮޅުން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ތިރީސް ހަތް ޕޮއިންޓް ލިބި ޕްރިމިއާ ލީގު ތާވާލުގެ ތޭރަވަނައަށް ސައުތްހެމްޓަން ޖެހިފައިވާ އިރު އެޓީމުން މިވަނީ މި ސީޒަންގައި ރެލިގޭޓް ނުވާނެ ކަން ގާތްގަނޑަކަށް ކަށަވަރު ކޮށްފައެވެ.
ކޯވިޑް-19 ގެ ސަބަބުން ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައި އޮތުމަށް ފަހު ނޯވިޗް އިން ކުޅުނު ފުރަތަމަ މެޗުން ބަލިވި އިރު އެޓީމު އޮތީ 21 ޕޮއިންޓާއެކު ތާވާލުގެ ފުލުގައެވެ. ސީޒަންގެ ބާކީ އަށް މެޗް އޮތް އިރު އެޓީމާ އެންމެ ކައިރީގައި އޮތް ވޮޑްފަޑާއި ނޯވިޗްއާ ދެމެދު ވެސް ހަ ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.
ސީޒަންގައި ރީތި ކުޅުމެއް ދައްކާ މުހިއްމު ނަތީޖާތަކެއް ހޯދި ނޯވިޗް މި ސީޒަންގައި ރެލިގޭޓް ވާނެ ކަމަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.