މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ކައިރިން މޫދަށް އަޅާފައި އޮތް ހޮޅިއަކުން ލީކުވެ އެސަރަހައްދުގެ މޫދަށް ނަޖިސް ބޭރުވަމުންދާ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އީ.ޕީ.އޭއިން ކަށަވަރު ކޮށްދީފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އީ.ޕީ.އޭގެ އޮފިޝަލު ވިދާޅުވީ، މި ހޮޅިން ލީކުވާ ކަން އީ.ޕީ.އޭއިން މިހާރު މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއެސްސީ) އަށް އަންގާފައި ވާނެ ކަމަށާ އެކުންފުނިން މިކަމުގައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އީ.ޕީ.އޭގެ އޮފިޝަލު ވަނީ އެސަރަހައްދުގައި އަޅާފައިވާ ހޮޅިން މޫދަށް ލީކުވަމުން ދަނީ ނަޖިސްކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މިކަން އެއިދާރާއިން ގާތުން ބަލަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީ.ޕީ.އޭއިން ވަނީ އެސަރަހައްދަށް ނަޖިސް އެޅެމުން ދާތީ އެސަރަހައްދުގެ މޫދަށް ނޭރުމަށް ވެސް ޢާއްމުންނަށް އިލްތިމާސް ކޮށްފައެވެ.

https://youtu.be/ZG9bmuS3HfU

'ދަ ޕްރެސް' އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރަހައްދުގެ ބޭރުން އަޅާފައިވާ ހޮޅިން ނަޖިސް މޫދަށް ލީކުވަމުން ދާތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ވެސް އެސަރަހައްދަށް ބަޔަކު މީހުން މޫދަށް އެރިގެން އުޅުނެވެ.

ރަސްފަންނަކީ ޢާއްމުކޮށް ގިނަ އަދަދެއްގެ ބަޔަކު ބޭނުންކޮށް އުޅޭ ތަނަކަށްވާ އިރު މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމުގެ ސަބަބުން މާލޭގައި ލޮކްޑައުން އިއުލާނު ކުރުމާއެކު އެސަރަހައްދަށް މޫދަށް އެރި ހަދާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އެހެން ނަމަވެސް، މި ހަފްތާގައި ސަރުކާރުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު އެސަރަހައްދަށް މޫދަށް އެރެން ދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރަސްފަންނުގެ މޫދު ފެންގަނޑު ދައުރުނުވާ މައްސަލައާ ފެންގަނޑުގައި ޖަރާސީމު ހުންނަ ކަމަށް ބުނާ ވާހަކައަކީ މީގެ ކުރިން ވެސް ފެތުރިފައިވާ ވާހަކަތަކެކެވެ.