ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ވަގުތުން އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީ ކުރެވޭނެ ގޮތް އެ ބޭންކުން ހަދައިފިއެވެ.

ބީއެމްއެލްއިން ބުނީ އެގޮތަށް ހަމަޖެއްސީ އިންޓަނެޓު ބޭންކް ބޭނުން ކުރުމަށް އެ ބޭންކުގެ ކަސްޓަމަރުންނަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެ ބޭންކުގެ އިންޓަނެޓު ބޭންކިން އަށް ރަޖިސްޓްރީ ކުރެވޭނީ އެ ބޭންކުގެ އެކައުންޓު އަދި ކާޑު އޮންނަ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ބޭންކުގައި ކަސްޓަމަރުގެ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު ރަޖިސްޓްރީ ކޮށްފައި އޮންނަން ޖެހޭނެއެވެ.

ބީއެމްއެލްއިން ބުނީ އިންޓަނެޓު ބޭންކިން އަށް ރަޖިސްޓްރީ ވުމަށްޓަކައި އެ ބޭންކުން އެކަމަށް ކަނޑައަޅާފައިވާ ލިންކަށް ވަނުމަށްފަހު އެކައުންޓު ނަންބަރު ޖެހުމަށްފަހު އޯޓީޕީ ކޯޑު ފޯނު ނަންބަރަށް ނުވަތަ އީމެއިލް އެޑްރެހަށް ދާނެ ގޮތް ހިޔާރު ކުރެވިދާނެ ކަމަށެވެ. އަދި އެ އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރަކީ ބީއެމްއެލްގައި ރަޖިސްޓްރީ ކޮށްފައިވާ އެޑްރެހަކަށް ވާންޖެހެއެވެ.

ބޭންކުން ބުނީ ރަޖިސްޓްރޭޝަން ސައްހަ ކޮށްލުމަށް ބޭންކުން ކޮށްފައިވާ ކާޑެއް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ވަގުތުން ޔޫސާނޭމް އަދި ޕާސްވޯޑު ލިބިގެން ދާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ތެރެއިން 90 ޕަސެންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިންގާ މުއާމަލާތްތަކެވެ. އަދި މިހާރު ބީއެމްއެލްގެ 87 ޕަސެންޓު ކަސްޓަމަރުންނަކީ އިންޓަނެޓު ބޭންކިން ބޭނުން ކުރާ ކަސްޓަމަރުން ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.