ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށް ބުނެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިހުތިޖާޖު ކުރަން ތައްޔާރު ވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން އެގޮތަށް ނިންމީ ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހުއެވެ. އިދިކޮޅުން ބުނީ އެ ބައްދަލުވުމުގެ އިތުރުން ހއ. އަތޮޅުގައި ތިބި ދެޕާޓީގެ އިސް މަންދޫބުންނާއި އެކުގައި އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރިޔާސަތުގައި އިންނަވައިގެން ބޭއްވި އެ ބައްދަލުވުމުގައި ހއ. އަތޮޅުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ސަރުކާރުގެ މިސްރާބު މިހާރު ދާގޮތުން އެތައް ރައްޔިތުންގެ ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށާއި އެކަންކަން ސަރުކާރަށް އިއްވުމަށް އިހުތިޖާޖްތަކެއް ބާއްވަން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހއ. އަތޮޅުގެ ރަށްތަކުގެ މަންދޫބުން އެދުނު ކަމަށެވެ.
އިދިކޮޅުން ބުނީ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެކޯލިޝަނުން ކުރަމުން ގެންދާނެ ކަމަށެވެ.
އިދިކޮޅުން ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން އިހުތިޖާޖު ކުރުމަށް ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިދިކޮޅު ކޯލިޝަންގެ މެންބަރުން އަންނަނީ ބޮއިކޮޓު ކުރަމުންނެވެ. އެ ކޯލިޝަނުންގެ ޖޮއިންޓު ޕީޖީ ގްރޫޕުން ބުނަނީ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށާއި މަޖިލީހަށް ދާނީ އެ ރައްކާތެރިކަން ލިބުމުން ކަމަށެވެ.