ފުލުހުންނާމެދު ނަފްރަތު އުފައްދަނީ އެމްޑީޕީ ދެ ފެކްޝަނުގެ ކޯޅުމުގެ ތެރެއިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ، ދިވެހި ފުލުހުންނާމެދު ނަފްރަތު އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް މަދު މެންބަރުން މި ދައްކަވަމުންދާ ހޮޅި ވާހަކަ ތަކަކީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަން ގެ ކޯޅުމުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އެގޮތުން އެއީ އެމްޑީޕީގެގެ އެކްޓިވިސްޓުން، ވަކި މީހެއްގެ ފެކްޝަނަށް ޖަމާކުރުމަށް ފުމޭ ސަންގެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ ފުލުހުންނަށް ތައުރީފު ވެސް ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާ ވަނީ އެތަކެއް ސިޔާސީ އޮއިވަރެއްގެ ތެރޭގައި ދަތުރުކޮށް ޕްރޮފެޝަނަލް ބަޔަކަށް ބަދަލުވެފައި ކަމަށެވެ. އަދި ފުލުހުން ވަނީ އެތައް ހުތުރު ނަމަކުން މުހާތަބްކުރެވި އެތައް އުދަގޫ ތަކަކާ ކުރިމަތިލާ ފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ވެރިން އައިސް ގޮސް ވިޔަސް ފުލުހުންގެ މުއައްސަސާގެ މަސައްކަތައް، ރޫހަށް އަދި ހީވާގި ކަމަކަށް ބަދަލެއް ނާންން ކަމަށާއި، ދިވެހި ފުލުހުންގެ މުއައްސަސާ އަކީ މިގައުމުގެ ފަހުރު ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ފުލުހުންގެ ހިދުމަތުގެ ބިލްގެ ބަހުސް ކުރަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންގެ އަހުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ފާޑުކިޔާފައެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބައެއް ކަމަށާއި ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ނުބަލާކަން އެ މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.