ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި ހާލު ސީރިއަސްވާ ޕޭޝަންޓުންގެ ފުރާނަ ސަލާމަތް ކުރުމަށް އެންޓި-އިންފްލަމޭޓަރީ ސްޓެރޮއިޑް ޑެކްސަމެތަސޯން އެހީވެދޭ ކަމަށް އިނގިރޭސިވިލާތުން ހާމަކުރި ކުރުމަށް މަރުހަބާ ކިޔާ ކަމަށާ، ނަމަވެސް މި ޑްރަގަކީ ކޮވިޑް-19ގެ ކަށަވަރު ފަރުވާ ނޫންކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރު ކޮށްފިއެވެ.

ސުވިޓްޒަލަންޑްގައި ހުންނަވާ، ވާޗުއަލް ޕްލެޓްފޯމު މެދުވެރިކުރައްވާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ކޮވިޑް-19ގެ ޖެހި ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުން (ނޭވާލުމަށް އިތުރު އެހީ ބޭނުން ނުވާ ޕޭޝަންޓުން) ގެ ހާލަތަށް، ޑެކްސަމެތަސޯންއިން އެއްވެސް ބަދަލެއް އަންނަތަން ފެނިފައި ނުވާ ކަމަށެވެ.

ކޮވިޑް-19ގައި ހާލު ބޮޑުވާ ޕޭޝަންޓުންގެ ފުރާނަ ސަލާމަތްކުރަން އެހީވާކަމަށް އިނގިރޭސިވިލާތުން ބުނާ ޑެކްސަމެތަސޯން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޓައިމް މެގަޒިން

މި ފަދަ ބޭސްތަކަކީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ނޫނީ ބޭނުންކޮށްގެން ވާނެ ބޭސްތަކެއް ނޫން ކަމަށްވެސް ޑަބްލިއުއެޗްއޯއިންވަނީ އިންޒާރު ކޮށްފައެވެ.

ސިއްހީ ކުއްލި ހާލަތުގެ މަޝްރޫއުތަކާ ބެހޭ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ މައިކަލް ރާޔަން ވިދާޅުވީ، ކޮވިޑް-19އާ ޑެކްސަމެތަސޯންއާ ގުޅޭ ދިރާސާތަކާ ބެހޭ މައުލޫމާތަށް އެ އިދާރާ މަޑުކޮށްގެން އޮތް ކަމަށާ، މި މައުލޫމާތައް ލިބުނު ހާ އަވަހަކަށް، މި ބޭސް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވަލާ، ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ޢާންމު ސިއްހީ ހިދުމަތާ ބެހޭ އިދާރާތަކާ އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، މި ހޯދުމަކީވެސް ކޮވިޑް-19 ޖައްސާ ވައިރަހާ ދެކޮޅަށް ކާމިޔާބު ހޯދުމަށް، ހޯދަންޖެހޭ ގިނަ ހޯދުންތަކުން 1 ހޯދުން ކަމަށެވެ.

ޑެކްސަމެތަސޯންއަކީ ކެންސަރާ އެނޫންވެސް ބަލިބައްޔަށް ފަރުވާ ދިނުމަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ، ފަސޭހައިން ލިބޭ، އަގު ހެޔޮ ބޭހެކެވެ. މި ބޭހަކީ ރާއްޖެއިންވެސް ލިބެން ހުރި ބޭހެކެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރުވެސް ވަނީ ޑެކްސަމެތަސޯންއަކީ ކޮވިޑް-19ގެ ފަރުވާއެއް ނޫންކަމަށް ވިދާޅުވެފައެވެ.