ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެގެން 3 ޕާޓީއަކާ މެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފިއެވެ.

އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެގެން ފިޔަވަޅު އެޅުމަށް ނިންމާފައިވާ 3 ޕާޓީއަކީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)

އިީސީން އެމްޑީއޭއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައި ނުވާތީއެވެ. އެގޮތުން އެ ޕާޓީ 50000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އެ ޖޫރިމަނާ ދެއްކުމަށް އީސީން ވަނީ މުއްދަތެއް ދީފައެވެ.

އީސީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް އެމްޑީއޭ އަށް އަންގާފައެވެ. ހަމައެއާއެކު އެ ކޮމިޝަނުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ވީ އެންމެ އަވަހަކަށް ޕާޓީގެ ގައުމީ ބައްދަލުވުން ބޭއްވުމަށާއި، ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މމުއްދަތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހަލަތު އިއުލާން ކޮށްފައިވާ މުއްދަތު ކަމަށް ވެސް އެމްޑީއޭ އަށް އަންގާފައެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)

އީސީން ޑީއާރްޕީއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވަޢިދާ ތަކުރާރުކޮށް ހިލާފުވެފައިވާތީ އެވެ. އެގޮތުން 2016 އަދި 2019 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާއިރު، ދެ ފަހަރެއްގެ މަތިން އެދުމުން ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އީސީން ބުނެއެވެ.

އީީސީން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތަށް 2018 އަދި 2019 ވަނަ އހަަރުގެ ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޑީއާރްޕީއަށް އެކި ފަހަރު މަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާއިރު އިތުރަށް އަޅާން ހުރި އެންމެ ފަހުގެ ފިޔަވަޅާ ބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

އިީސީން އެމްޓީޑީއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައި ނުވާތީއެވެ. އެގޮތުން އެ ޕާޓީ 30000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އެ ޖޫރިމަނާ ދެއްކުމަށް އީސީން ވަނީ މުއްދަތެއް ދީފައެވެ.

އީސީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް އެމްޓީޑީ އަށް އަންގާފައެވެ. ހަމައެއާއެކު އެ ކޮމިޝަނުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ވީ އެންމެ އަވަހަކަށް ޕާޓީގެ ގައުމީ ބައްދަލުވުން ބޭއްވުމަށާއި، ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މމުއްދަތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތު ކަމަށް ވެސް އެމްޓީޑީ އަށް އަންގާފައެވެ.