ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް މިއަދު މަޖިލީހުގައި ވަނީ ވޯޓަށް އަހާފައެވެ. އެ ބިލު ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި 47 މެންބަރުން ބައިވެރިވެ ވަޑައިގެންފައި ވާ އިރު އެ ހުރިހާ މެންބަރުން ވަނީ ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

މިބިލުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި ދޭނެ އުޖޫރައެވެ. އެގޮތުން، އެންމެ މަތީ ކެޓަގަރީއަށް 8.000 ރުފިޔާ އާއި 8،500 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރަ ދިނުމަށް ކަނޑާއަޅާފައި ވާއިރު، ދެވަނަ ކެޓަގަރީއަށް 6،000 ރުފިޔާ އާއި 6،500 ރުފިޔާ ދެމެދުގެ އަދަދެއް ދިނުމަށް ކަނޑައެޅުމަށް އެ ބިލުގައި ބުނެއެވެ. އަދި ތިން ވަނަ ކެޓަގަރީއަށް 4،000 ރުފިޔާ އާއި 4،500 ރުފިޔާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ބިލުގައި ބުނެއެވެ.

މި ބިލުގައި ވޒީފާއާ ބެހޭ ގާނޫނުގައި ހުރި ގިނަ ކަންކަން އިސްލާހު ކުރުމަށް ކަނޑައަޅާފައި ވެއެވެ. އެ ގޮތުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދިނުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާއިން މީހުން ވަކިކުރުން ފަދަ ކަންކަން ހަރުދަނާ ކުރުމަށް ކަނޑައަޅާފައި ވެއެވެ. އެގޮތުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތްނަމަ ވަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން މިހާރު އަމަލުކުރަމުން ދާ ވަޒީފާއާ ބެހޭ ގާނޫނުގައި ވަޒީފާ އަދާ ކުރާ ފަރާތުގެ ޕްރޮބޭޝަން ޕީރިއަޑްގެ ގޮތުގައި ގުނާ 3 މަސް ދުވަހުގެ މުއްދަތު 6 މަސް ދުވަހަށް އިތުރު ކުރުމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާން ކުރެއެވެ.

މި ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކޮށްފައިވާ އިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވަނީ އިތުރު އިސްލާހެއްގެ ގޮތުގައި އަންއެމްޕްލޯއިމަންޓް ބެނެފިޓްގެ ގޮތުގައި ބާބެއް ހިމެނުމަށް ހުށަހަޅުއްވާފައެވެ. އަންއެމްޕްލޯއިމަންޓް ބެނެފިޓް ބާބެއް ހުށަހެޅުމަށް އެދި ޖީހާން ވިދާޅުވެފައި ވަނީ ވަޒީފާ އަދާ ކުރާ ފަރާތުގެ އެއްވެސް ކުށެއް ނެތި ދިމާވާ ހާލަތެއްގެ ސަބަބުން ވަޒީފާއިން ވަކިކުރާ ނަމަ އެފަރާތަަކަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ކޮންމެހެންވެސް ކުރެވެން ޖެހޭނެ ކަމެއް ކަމަށެވެ.