ލޮކްޑައުންގައި މާލޭގެ މަގުތައް އެއްވަރުކޮށް މަރާމާތު ކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ވިދާޅުވީ ލޮކްޑައުން ތެރޭގައި މާލޭގެ މަގުތަކުގެ ތެރެއިން ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގުތައް މަރާމާތު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ދެ ހަފްތާ ތެރޭ މާލޭގެ 5 މަގެއް މަރާމާތު ކޮށް ނިންމާފައިވާ ކަމަށާއި މިހާރުވެސް އެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއަދު ފަށާފައި ވަނީ މާލޭގެ ގ. ކަށިމާހިގުން ހެދުމުގެ މަސައްކަތެވެ.

ޝަމާއު ވިދާޅުވީ މިވަގުތު މަގުތައް ހެދުމުގައި ހިމެނެނީ މަގުތަކުގެ ގާތައް އެވަރު ކުރުމާއި ބިންގަނޑު އެއްވަރު ކުރުން ކަމަށެވެ. އަދި ހަލާކުވެފައި ހުންނަ ގާތަކާއި ކާނުފަދަ ތަކެތި ނަގާ ބަދަލު ކުރުން ފަދަ ކުދި ކަންތައް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ލޮކްޑައުނާ ގުޅިގެން މަގުތައް ހެދުމަށް ހަދާފައިވާ ޕްރޮޖެކްޓް މަޑުޖެހިފައިވާ ނަމަވެސް މަޑުމަޑުން ކުރިއަށްދާ ކަމަށް ޝަމާއު ވިދާޅުވިއެވެ. މަގު ހެދުމުގެ ޕްރޮޖެކްޓަގައި މަގުތަކުގެ އަޑީގައި ކުރާ މަސައްކަތް ހުންނާނެ ކަމަށާއި ނަމަވެސް މިވަގުތައް ކުރެވެމުންދާ މަސައްކަތަކީ މަގުތައް އެވްރު ކުރުމާއި ލެވެލް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ

މީގެ އިތުރުން ޝަމާއު ވިދާޅުވީ އެ މަސައްކަތާއެކު މިއަހަރު ކުރީކޮޅު ފަށާފައިވާ "ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" ވެސް ކުރިއަށްދާ ކަމަށް ޝަމާއު ވިދާޅުވިއެވެ. އެ މަސައްކަތް މިވަގުތު ކުރެވެމުން ދަނީ މާފަންނު ރަސްފަންނު ސަރަހައްދުގައި ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. އެ ސަރަހައްދު ނޫން އެހެން ސަރަހައްދު ތަކާ ހަމައަށް ދިއުމަށް އަދު ވަގުތުކޮޅެއް ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން އަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތައް ހައްލު ކުރުމަށް މަޝްރޫއެއް ކުރިޔަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލި ޕްލޭނެކެވެ.

.