ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ އޭނާއާ ކޮންޓެކްޓްވި 8 މީހުން ދެނެގަނެވިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ، ޕީއެސްއެމްގެ ސްޓާފެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ގޮތުން ޕޮޒިޓިވްވި މުވައްޒަފަކީ އެންއީއޯސީން ބާއްވާ ޕްރެސްތަކުގައި ވެސް މަސައްކަތް ކުރަން ހަރަކާތްތެރިވާ ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފެއް ކަމަށް ހާލިދު ވިދާޅުވިއެވެ.

އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ކަމަށާއި އެއާއެކު އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އޭނާއާ ކޮންޓެކްޓްވި 8 މީހަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕޮޒިޓިވް ކޭސްއަކާ ގުޅިގެން އެއްވެސް ތަނެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ކަމަށް ހާލިދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެސްއެމްގެ މުވައްޒަފު ޕޮޒިޓިވްކަން އެނގިފައިވަނީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލެއްގެ ތެރެއިންނެވެ. އަދި އެ ކޭސްއާ ގުޅިގެން އެންއީއޯސީގެ ހަރަކާތްތައް ހިންގަމުން އަންނަ ދަރުބާރުގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެއްް ނުވެއެވެ.

ޕޮޒިޓިވްވެފައި ވަނީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ސްޓާފެކެވެ.