ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ) ފުރައްސާރަ ކުރި މައްސަލާގައި އޭނާ އަށް ދައުވާ ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގެ ސަބަބުންނާއި އަދި އެހެނިހެން ކަންކަމާއެކު ޖޯރޭއަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށެވެ. އެހެން ކަމުން ޖޯރޭގެ މައްޗަށް ދައުވާ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ވަހީދު ވަނީ ގޮވާލައްވާފައެވެ.

ރައީސް ވަހީދު ވަނީ ޖޯރޭގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ލިބުނު އިންޒާރުތަކާއި ފުރައްސާރަ ކުށްވެރި ކުރައްވާފައެވެ. އަދި އެމްޑީޕީ މެންބަރުންގެ ފަރާތުން ލިބެމުންދާ ނަފްރަތާއި ގާނޫނާ ހިލާފުވުމަށް ގޮވާލާ ގޮވާލުން އަދި ފުރައްސާރަ ވެސް އެމަނިކުފަނު ވަނީ ކުށްވެރި ކުރައްވާފައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ރައީސް ވަހީދާއި، އެމަނިކުފަނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި ކަން މީޑިއާއަށް ތިލަވެގެން ދިޔައީ އެމަނިކުފާނު ކުރެއްވި ޓްވީޓަކުންނެވެ. އެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލުކޮށް ދެމުން ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަނާނެއްގައި ބުނީ އިއްޔެ ހެނދުނު 6:30 ހާއިރު ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ.

އެވަގުތު ރައީސް ވަހީދުގެ، އެމްއެންޑީއެފް ސެކިއުރިޓީން އެ މައްސަލަ ފުލުހަށް ރިފޯޓް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ވަނީ އެމްޑީޕީގެ އެ އެކްޓިވިސްޓް، ރައީސް ވަހީދުގެ ދެކަނބަލުންގެ ހަށިކޮޅަށް އަތްލައި ހަމަލާ ދީފައި ނުވާ ކަމަށާއި ނަމަވެސް ފުރައްސާރަ ކުރި މީހާ ހުރީ އަތް ޖެހޭގައި ގާތުގައި ކަމަށެވެ.

ރައީސް ވަހީދުގެ އޮފީހުން އެ މައްސަލަ ކުއްވެރިކޮށް ބުނެފައި ވަނީ ފުރައްސާރަ ކުރުމުގެ އެފަދަ މައްސަލަތަކަކީ ހަމަލާއެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.