4 ފުލުހަކާމެދު ފިޔަވަޅު އެޅީ މީހަކަށް އަނިޔާ ކުރި މައްސަލާގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި 4 ފުލުހަކާއިމެދު ފިޔަވަޅު އެޅުމަށް އިއްޔެ ނިންމާފައި ވަނީ، 2019 އޯގަސްޓް 5 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ކަމަށެވެ. އަދި އޭނާ މަސްވެރިން ޕާރކް ސަރަހައްދުގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެމީހާއަށް އަނިޔާކޮށް، އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތައް ކޮށްފައިވާ ކަމަށް މައްސަލަ ހުށަހެޅުނު ކަމަސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ކުރިއަށް ގެންދިޔަ އިންޓާނަލް ތަހުގީގަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެބޯޑުން އިއްޔެ ގޮތް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޯޑުން ނިންމާފައި ވަނީ މައްސަލައިގެ ތުހުމަތުކުރެވޭ 4 ފުލުހުންގެ ތެރެއިން އެއްފުލުހަކު މަގާމު ދަށް ކުރުމަށާއި އަދި އަދި އަނެއް 3 ފުލުހުން ވަޒީފާއިން ވަކިކުރުމަށެވެ.
ފުލުހުން ބުނީ ބޯޑުން ނިންމި ނިންމުން އިސްތިނާފު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ، އެ ފިޔަވަޅުތަކަކީ ފުލުހުންގެ އަހުލާގާއި އެ އިދާރާއަކީ ހަރުދަނާ ތަނަކަށް ހެދުމަށް ކުރަަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަކީ އެންމެން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. ހަމަ އެފަދައިން އެކަން ކާމިޔާބު ކުރުމަށް ބަސް ބުނުމުގެ ބަދަލުގައި އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރުން މުހިންމު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ އިދާރީ މައްސަލަ ބަލާ ކޮމާންޑުން އަމަލު ކުރާ އާންމު އުސޫލަކީ އިދާރީ ތަހުގީގެއްގެ ތެރެއިން ޖިނާއީ ކަމެއް ހިމެނޭކަން ފާހަގަ ކުރެވިއްޖެނަމަ އެ މައްސަލައަކާ ގުޅޭ ޑިޕާޓްމަންޓަށް ފޮނުވައިގެން ޖިނާއީ ތަހުގީގު ހިންގުން ކަމަށް ފުލުހުން ބުނެއެވެ.