ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޝިޔާމަށް އަނިޔާ ކުރުމުގައި ބައިވެރިވި މެންބަރުން ހޯދައި ސުލޫކު ކޮމިޓީން ތަހުގީގެއް ކޮށްދިނުމަށް އެދި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އެ ސިޓީ ދިރާސާ ކުރުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވާފައެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:30 އަށް ވަނީ ތަވާލުކޮށްފައެވެ.

ރައްޔިތުން މަޖިލީހުގައި ހިނގައިދިޔަ އެ ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވި ފަހުން އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. އެހެންކަމުން އެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އިއްޔެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ތަހުގީގު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރައްވަނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ގައުމުގެ ގާނޫނު ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އިމްރާންގެ ގާބިލް ކަމަކީ އެެއްވެސް އިރަކު އޮޅިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.

އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވިއެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.