މީހަކާ ބެހޭ ގޮތުން ވާހަކައެއް ދައްކަން ނުވަތަ މީހަކު ނެތްތަނެއްގައި އެމީހަކާ ބެހޭ ގޮތުން ދެއްކި ވާހަކަ އެއް އެމީހަކާ ހިސާބަށް ނުގެންދެވެންޏާ ބައެއް މީހުން ބުނެއުޅޭތީ އަހާ ޖުމްލައެއް އޮވެއެވެ. އެއީ "އެވާހަކައެއް ނުބުނެވެންޏާ ބަނޑު ކައްކާ، ނުވަތަ ބަނޑުގައި ރިއްސާނެ" ވާހަކައެވެ.

އާންމު ގޮތެއްގައި އެ މަޖާޒު ބޭނުން ކުރަނީ އެކަކު ދައްކާ ވާހަކަ އެމީހަކަށް ނޭނގި އަނެކަކާ ހިސާބަށް ގެންދާ ގެންދިއުމަށެވެ.

މިފަހަރު އަދި ވެގެން މިއުޅެނީ އެހެނެއް ނޫނެވެ. މިފަހަރު ވެގެން މިއުޅޭ ގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ތަން ނުދިންނަމަވެސް މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސްތަކުގައި މަޖިލީހުގެ ރައީސް މާ ބޮޑަކަށް ބައިވެރިވެވަޑައިގަންނަވާ ހިތްޕުޅު ވެގެންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެއްކަމަކަށް ވުރެ ގިނަ ކަންކަމަށް މޮޅު ބޭފުޅެކެވެ. ދޫހެލޭ ސިޔާސީ ބޭފުޅެކެވެ. ރާއްޖޭގެ ފަހުގެ ތާރީހު ބޮޑުތަނުން ބަދަލުކޮށްލެއްވި "ކެރިސްމެޓިކް" ބޭފުޅެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.

ކުރިން ސައިހޮޓާތަކުން، މަގުމަތިން އުޅުއްވަމުން ރާއްޖޭގެ ރައީސްކަން ލިބިވަޑައިގަތީމައި ވެސް މަގުމައްޗަށް ނުކުންނަވަން ހުންނަ ޝައުގުވެރިކަން ކުޑަވި ތަނެއް ނުފެނެއެވެ. ނުވަތަ ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގެން ރައްޔިތުން ދައްކާ ވާހަކައިގައި ފިސާރި ރަނގަޅަށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅު ވާކަމަށް ގަބޫލު ކުރެވެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެވާހަކަ އެމަނިކުފާނު ވިދާޅުވާންވެސް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ބޭފުޅުން ކަންބޮޑުވެލައްވާ އަޅުގަނޑު ބަހުސްގައި ބައިވެރި ނުވާތީ. އަދި ހަމައެކަނި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އެކަންޏެއް ނޫން. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އެދޭ އަޅުގަނޑު ބަހުސްގައި ބައިވެރިވުމަށް،"
ރައީސް ނަޝީދު

މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ހިތްޕުޅު މާބޮޑަކަށް ވަނީއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމެއްގައި، ހުށަހެޅިފައި ވާ މައްސަލައަކާ މެދުވެސް މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތެއް ހާމައެއް ނުކުރެވޭނެއެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތަކާ މެދު، މަޖިލީހުގެ ރައީސް ހިޔާލުފާޅު ކުރައްވައި އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރައްވައި މަޝްވަރާއާއި ލަފާ ދެއްވިދާނެއެވެ.

އަދި މަޖިލީހުގެ ކޮމިޓީއަކުން އެދިއްޖެ ނަމަ، އެ ކޮމިޓީއެއްގެ ނުރަސްމީ ބައްދަލުވުމެއްގައި ނުވަތަ އެ ކޮމިޓީ އަކުން އިންތިޒާމު ކުރާ ބައްދަލުވުމެއް ނުވަތަ ކަމެއްގައި މަޖިލީހުގެ ރައީސް ބައިވެރިވެ ވަޑައިގަތުމަށް ގަވާއިދު ހުރަހެއް ނާޅައެވެ.

"އަޅުގަނޑު މިއަދު ވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަރިހުގައި އަހާލީމު، މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިނުވުމަށް މި އޮންނަ އޮތުން އެއީ ރިޔާސަތުގައި އިނދެގެން ބައިވެރި ނުވުންތޯ ނުވަތަ އޭގެ މާނަ އަކީ އަޅުގަނޑަށް މައްޗަންގޮޅީ މެދު ދާއިރާގެ ގޮނޑިއަށް ގޮސް ބަހުސްގައި ބައިވެރި ވެވޭނެ ތޯ ނުވެވޭނެ ތޯ"
ރައީސް ނަޝީދު

ބަހުސްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ހިތްޕުޅު އޮތްލެއް ބޮޑުކަމުން އެކަމަށް އެތައް މަގެއް ހޯއްދަވަން ނަޝީދު މަސައްކަތް ކުރައްވައެވެ. ބައެއް ފަހަރު ގާނޫނީ ލަފައަށް އައްސަވައެވެ. އަނެއްބައި ފަހަރު ބަހުސަކަށް ވާނެ ފަދަ ބަސްބަސް ތަޅުމަށް ދޫކޮށްލައްވައެވެ. އަނެއްބައި ފަހަރު ގާތް އެކުވެރި މެންބަރުން ލައްވައި "ޒުވާބު ދެވޭ ފަދަ އަންބާތައް" ތަޅުމުގައި ތިލަ ކުރައްވައެވެ.

މަޖިލީހުގެ ރައީސް މިއަދު ވިދާޅުވި އެއްވާހަކައެއްގައި، މިވަގުތަށް ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވިދާނެ ގޮތެއް ނުވަތަ އެކަމަށް ފަރުވާއެއް އެބަ އޮތެވެ. އެއް ގޮތަކީ، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތަކާ މެދު، ހިޔާލުފާޅު ކުރައްވައި އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމުގައި ވަގުތު ތަކެއް ހޭދަ ކުރެއްވުމެވެ. ދެވަނަ ގޮތަކީ، މަޖިލީހުގެ ކޮމިޓީއަކުން އެދިއްޖެ ނަމަ، އެ ކޮމިޓީއެއްގެ ނުރަސްމީ ބައްދަލުވުމެއްގައި ނުވަތަ އެ ކޮމިޓީ އަކުން އިންތިޒާމު ކުރާ ބައްދަލުވުމެއް ނުވަތަ ކަމެއްގައި ބައިވެރިވެ ވަޑައިގެން އުޅުއްވުމުވެ.

އަދި މާ ފުޅާކޮށް ތަޅުމުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނެ އެހެން މާ ފުރިހަމަ ގޮތެއްވެސް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސްކަން ދޫކޮށްލައްވާފައި ތަމްސީލު ކުރައްވާ ދާއިރާގެ ގޮނޑިއަށް ވަޑައިގަތުމެވެ.