ޒިންމާދާރު އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން، ފުލުހުންގެ މުއައްސަސާ ސިފަކުރަނީ "ކުށްވެރިންތަކެއް އުޅޭ ތަނެއްގެ ގޮތުގައި" ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ފާހަގަ ކުރައްވައިފިއެވެ.

އޭސީޕީ ފައިރޫޝް ވިދާޅުވީ، ފުލުހުންގެ މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، ބައެއް ފަރާތްތަކުން ތަކުރާރުކޮށް ވާހަކަދައްކަމުން ގެންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެފަދަ ފަރާތްތަކުން ދެކޭގޮތުގައި ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިންތަކެއް އުޅޭތަނެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ.

އެފަދަ ތުހުމަތުތަކުގެ ސަބަބުން ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރު ގެއްލުމުގެ އިތުރުން، ވަކިވަކި ފުލުހުންނަށް ވެސް މާޔޫސްކަން ގެނުވާ ކަމަށާއި އެކަމުގެ ސަބަބުން މުޅި ސިސްޓަމް ބަލިކަށިވެގެންދާ ކަމަށް ފައިރޫޝް ވަނީ ފާހަގަ ކުރައްވާފައެވެ. އިތުރުން އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ކުރިއަށް ދާންވީ މިސްރާބު ދައްކައި ދީ ޒިންމާދާރު ކުރުވުން މާ ބުއްދިވެރި ކަމަށެވެ.

ފައިރޫޝް މިފަދައިން ވިދާޅުވެފައި ވާއިރު، މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވެމުންދާ ވަގުތެކެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން، ގިނަ މެންބަރުން އަންނަނީ ފުލުހުންގެ ތެރޭގައި ކުށްކުރާ ފުލުހުން އުޅޭކަމަށާއި، އަދި ފުލުހުންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށް ވިދާޅުވެ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމަށްޓަކައެވެ.