6.8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ރޭ ހައްޔަރު ކުރި 3 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، 6.8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ރޭ ހުޅުމާލެއިން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައި ވަނީ އޭނާގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އެގެއިން ފެނިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 2 މީހުންނެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެެ. އެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް އެ 2 މީހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެއިން އަތުލި މަސްތުވާތަކެތީގެ ބަރުދަނުގައި 6.8 ކިލޯ ހުރި އިރު އެއީ ކެނަބިސް އެވެ. އެ މަސްތުވާތަކެތީގެ މޫނުމަތީ އަގަކީ 5.6 މިލިއަން ދިވެހި ރުފިޔާއެވެ.