ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކެއްގެ މައުލޫމާތު ޑާކްވެބުގައި ލީކު ކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މި މައްސަލަ ބެލުމުގެ ބޭނުމަކީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ބޭންކުން އަޅާނެ ފިޔަވަޅުތައް ބެލުން ކަމަށެވެ.

ބީއެމްއެލްގެ ވިސާ ޑެބިޓް އަދި ވިސާ ކްރެޑިޓް ކާޑުގެ މައުލޫމާތު ތަކެއް ޑާކްވެބްގައި ލީކްވެފައިވާ މައްސަލައިގައި އެބޭންކުން ބުނީ ބޭންކުގެ ތެރެއިން އެއްވެސް ކާޑެއްގެ މައުލޫމާތު ލީކްވެފައި ނުވާކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭކަމަށްވެސް ބުންޏެވެ.

ބޭންކުން ބުނީ ލީކުވެފައި ވާކަމަށް ފާހަގަވާ 350 އެއްހާ ކާޑުގެ މައުލޫމާތު ލީކްވެފައި ވަނީ މާޗަންޓެއްގެ ފަރާތުން ކަމަށާއި، އެކަން ބޭންކުގެ ކާޑު ޕާޓުނަރަކު މިދިޔަ ބުރާސްފަތި ދުވަހު ބޭންކަށް އަންގާފައި ވާ ކަމަށެވެ. އަދި އެ ކާޑުތަކުގެ ބަދަލުގައި އާ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ޑާކްވެބްގައި އެފަދަ މައުލޫމާތެއް ލީކްކޮށްލައިފައި ވީނަމަވެސް، ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ގެންގުޅޭ އެއްވެސް ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާއެއް މަދުވެފައި ނުވާކަމަށްވެސް ބުނެއެވެ.

ބޭންކުން މިހާރު ދަނީ ލީކުވެފައިވާ މައުލޫމާތު ލީކްވި ގޮތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުންނެވެ.