ބޭރު އޭޓީއެމްތަކުން އިތުރަށް ފައިސާ ނެގޭ މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިިޔަލަށެވެ.

މި މުއްދަތު އިތުރުކޮށްފައިވާއިރު، ވަނީ ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގޭ އަދަދު 1000 ޑޮލަރާ ހަމައަށް އިތުރު ކުރީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވެހެވެ. އެ ބޭންކުން ބުނީ، ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ވެސް ކުޑަކޮށްފައިވާ ކަމަށެވެ.

ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާ ފީ މިހާރު ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރި ކުރެވޭނެކަމަށް ވެސް ބީއެމްއެލުން ބުނެއެވެ

ދިވެހި ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭ ގޮތް ބީއެމްއެލުން ވަނީ ހަދައިފިއެވެ. ބީއެމްއެލުން ބުނީ، އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބީއެމްއެލުން އިތުރު ޗާޖެއް ނުނަގާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ބީއެމްއެލުން އިތުރު ޗާޖެއް ނުނެގި ނަމަވެސް ފޮރިން ބޭންކް ޗާޖު ދައްކަން ޖެހޭނެއެވެ. ބީއެމްއެލުން ބުނީ މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭނެ ކަމަށެވެ. ގެގޮތުން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، މި ހިދުމަތް ލިބޭނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަކަށެވެ.