ފުލުހުން ޅަ ވެލާތަކެއް ސަލާމަތް ކޮށްދީފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މ. މުލީގެ ހިކިފަސް ސަރަހައްދަކަށް ވިހާފައިވާ ޅަ ވެލާތަކެއް ނަގާ އެ ތަކެތި މޫދަށް ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ކުރި ޓްވިޓާ އެކު ވަނީ ވެލާތައް މޫދަށް ދޫކޮށްލާ ވީޑިއޯ އެއް ހިއްސާ ކޮށްފައެވެ.

އެ ވީޑިއޯގައި ފެންނަ ގޮތުން ފުލުހުން އެ ވެލާތައް މޫދަށް ދޫކޮށްލާފައި ވަނީ ބާލިދީއަކަށް އަޅައިގެން ގެންގޮހެވެ. ދެ ފަހަރެއްގެ މަތިން ވެލާތަކެއް މޫދައް ދޫކޮށްލާތަން ފެނެއެވެ. ބެލެވޭ ގޮތިގައި އެއީ ދެ ވެލައެއް އަޅާފައިވާ ބިހުގެ ޅަ ވެލާތަކެވެ. ގާތްގަނޑަކަށް 40 އަކަށް ވެލާ ފެނެއެވެ.

ފުލުހުން ސަލާމަތް ކުރި ޅަ ވެލާތައް، މަގުމަތީގައި ދުވަނީ
ފުލުހުން ސަލާމަތް ކުރި ޅަ ވެލާތައް، ފިހާރައެއްގެ ދޮރުކައިރީ

ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް އެންމެ ފަހުން ދާއިމީ ގޮތެއްގައި ހިިމާޔަތް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހުއެވެ. މީގެ ކުރިން ވެލާ ކަހަނބު ހިމާޔަތް ކުރީ 2005 ވަނަ އަހަރު، 10 އަހަރުގެ މުއްދަތަށެވެ.

https://www.facebook.com/policemv/videos/982754688841524/

ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުމުގެ އިތުރުން އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދާ ވެލާ ކަހަނބާ ގުޅޭ އެއްވެސް ދިރާސާއެއް ކުރުމާއި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތް ކުރުމަކީވެސް މަނާކަމެކެވެ.

އެ ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ގެއްލުންދޭ ކޮންމެ ވެލާ ކަހަނބަކަށް ތިރީސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެއް ވެލައާއި ކަހަނބަށް ވުރެ ގިނަ ނަމަ ކޮންމެ ވެލައަކާއި ކަހަނބަކަށް ތިރީސް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. މީގެއިތުރުން ވެލާ ކަހަނބު އާންމުކޮށް ބިސްއަޅާ ސަރަހައްދަކަށް ގެއްލުން ދީފި ނަމަ އަކަ މީޓަރަކަށް ބާރަހާސް ހަސަތޭކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވައިދުގައި ވެއެވެ. ވެލާ ކަހަނބަށް ގެއްލުން ވާގޮތަށް އަމަލުކުރާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތަށް އަދަބު ދިނުންވެސް އޮވެއެވެ.