ހދ. މާވައިދުއަށް ކާށި ހޮވަންދިޔަ ބަޔަކަށް، މޫސުން ގޯސްވެ ގަދަވެގެން ދޯނީގައި ދަތުރު ނުކުރެވުމުން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ދަތުރުކުރަމުން ދަނީ 10 މީހުން ކަމަށެވެ.

މިހާދިސާގެ ރިޕޯޓު މިއަދު 17:35 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 7 ފިރިހެންނުންނާއި 3 އަންހެނުނެވެ.

އެ މީހުން ހދ.ކުމުންދޫއަށް އެނބުރި ނުދެވިފައި ތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވެއެވެ.

މިފަދަ ކަނޑުމަތީގެ ހާދިސާއެއް ހިނގަމުން ދާއިރު، މިއީ މިއަދު ހިނގި ކަނޑުމަތީގެ ދެވަނަ ހާދިސާއެވެ. މިއަދު ހަވީރު ވަނީ ގއ. ގެމަނަފުށި ބޭރަށް ލޯންޗެއް ބަނޑުން ޖަހާލައިފައެވެ. އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.