ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ މައުލޫމާތު އެއްތަނަކުން ލިބޭނެ "ގެމެން" މޮޑިއުލް އަންނަ މަހުން ފެށިގެން ބޭނުންކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ މޮޑިއުލްގެ ބޭނުން ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ސިޓީ ކައުންސިލާއި ޑީއެންއާރާއި ހުރިހާ ހޮސްޕިޓަލްތަކާއި ހެލްތު މިނިސްޓްރީ ފަދަ މީހުންގެ މައުލޫމާތުތައް އެނގެން ޖެހޭ ހުރިހާ ތަނަކުން އެ ބޭނުންކުރާނެ ކަމަށްވެސް އެ މިނިސްޓްރީގެ ޓްވީޓްގައި ބުނެއެވެ.

އެ މިނިސްޓްރީން ބުނީ އެ އެޕް ބޭނުންކުރަން ފެށުމުން އުފަން ދުވަހުގެ ސެޓްފިކެޓް ހަދަން ކައުންސިލަށް އަމިއްލަ އަށް ހުށަހަޅަން ޖެހުން ނިމުމަކަށް އަންނާނެ ކަމަށާއި މަަރުވާ މީހުންގެ މައުލުމާތު ވެސް ވަގުތުން އެ މޮޑިއުލް މެދުވެރިކޮށް، އެ ލިބެންޖެހޭ އިދާރާތަކަށް ލިބޭނެ ކަމަށެވެ.

އެ މޮޑިއުލް ތައްޔާރުކޮށް ބޭނުންކުރުމާ މެދު މިއަދު ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ އެކު ބައްދަލުވުމެއް ބާއްވާފައި ވާއިރު، އެ ބައްދަލުވުމަކީ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ނެޝެނަލް ސެންޓާ ފޮ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އާއި އެލްޖީއޭގެ އިސްނެގުމަކަށް ބޭއްވި އެ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ޑީއެންއާރްގެ އިތުރުން ހެލްތު މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ބައިވެރިވެފައެވެ.