ގއ. ގެމަނަފުށި ބޭރަށް ލޯންޗެއް ބަނޑުން ޖަހާލައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗުން ދަތުރު ކުރަމުން ދިޔައީ އެންމެ މީހެކެވެ. އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނޑުން ޖަހާލި ލޯންޗު، ރަށުގެ ތައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ މިހާރު ފުށުން ޖަހާފައެވެ.

ގެމަނަފުށި ބޭރަށް ލޯންޗެއް ބަނޑުން ޖަހާލުމުން އާންމުންނާއި ފުލުހުން އެހީތެރިވަނީ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު މިހާރު ގެމަނަފުއްޓަށް އެބަ ވައްދައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. މިއަދު ހަވީރު 5:30 އިން މިރޭ 8:30 އަށް ނެރެފައިވާ ވައިޓް އެލާޓުގައި މޫސުން ލަފާކޮށްފައި ވާ ގޮތަށް ބަލާއިރު، ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދު ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މިރޭގެ ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ސަަރހައްދުތަކަށް ބޯކޮށް ވާރެ ވެހޭނެއެވެ.

ހުޅަނގެ ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަަށް 55 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެއެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.