އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި އުވާލި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ލިޔުނު ފަރާތްތަކަށާއި އެ ޖަމިއްޔާގެ އިސް ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވާތީ ސަލަފް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލަފް ޖަމިއްޔާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޑީއެން އުވާލި ފަހުން ވެސް އެ ޖަމިއްޔާގެ ނަމުގައި ސޯޝަލް މީޑިއާގައި އެކިއެކި ރަސްމީ ބަޔާންތަކާއި ޕޯސްޓްތައް ނެރެމުންދާ ކަމަށާއި އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ އެންގުންތަކަށް ގޮންޖަހާ އެ ޖަމިއްޔާ ހިންގަމުންދާ ކަން އެނގޭ ކަމަށެވެ.

އެމްޑީއެން ޖަމިއްޔާ އުވާލިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ފިޔަވަޅު އެޅުން ލަސްވާ ނަމަ ސަރުކާރުގެ އިސްވެރިންނާ މެދު އޮތް އިތުބާރު ގެއްލެމުންދާނެ ކަމަށް ސަލަފްގެ ބަޔާނުގައި ބުނެފައި ވާއިރު، ސަލަފް އިން ވަނީ އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފައެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެމްޑީއެންގެ އިސް ފަރާތްތަކަށް އަވަސް ފިޔަވަޅެއް ނާޅާހާ ހިނދަކު ސަލަފުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި އެކަމަށް ގޮވާލަމުން ދާނެ ކަމަށެވެ. މީގެ ކުރިންވެސް ސަލަފުން ވަނީ އެމްޑީއެންއަށް ފިޔަވަޅު އެޅުން ލަސްވެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީއެން އުވާލާފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ޖަމިއްޔާ އުވާލާފައި ވަނީ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމުންނެވެ.