މީލާދީން 1932 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްކަން އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން ކެންސަލް ކުރުމުގެ ވިސްނުމެއް އެ ގައުމުން ގެންގުޅެމުން އަންނަ ކަމަށް، ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކެންސަލް ކުރުމުގެ ވިސްނުމެއް ސައުދީ އަރަބިއްޔާއިން ގެންގުޅެމުންދަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ކަމަށް، ސައުދީ އަރަބިއްޔާގެ ހައްޖާ އުމްރާއާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު، އިނގިރޭސިވިލާތުގެ ދުވަހު ނޫހެއް ކަމަށް ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި، ސައުދީ އަރަބިއްޔާއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 100000 އަށް ވުރެ މައްޗަށް އަރާފައެވެ.

ސައުދީގެ އޮފިޝަލާ ހަވާލާދީ ބައިނަލްއަގުވާމީ މީޑީއާއިން ރިޕޯޓްކުރާ ގޮތުގައި، ކަމާ ބެހޭ ފަރާތްތަކުން ދަނީ ހުރިހާ 'ސިނާރިއޯއެއް' ދިރާސާ ކުރަމުންނެވެ.، އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ނިންމުމެއް ނިންމާނެ ކަމަށްވެސް ޚަބަރު ލިބެއެވެ. އަނެއްކޮޅުން ބަލާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމައިގެން ކުރިއަށް ދިއުމަށް ސައުދީއިން ނިންމި ކަމުގައި ވީ ނަމަވެސް، މި ފުރުސަތު ލިބޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ލިމިޓް ކުރާނެ ކަމަށްވެސް ބެލެވެއެވެ. އެގޮތުން ކޮންމެ ގައުމަކަށްވެސް ދޫކޮށްފައިވާ ކޯޓާގެ 20 ޕަސެންޓްއަށްވުރެ އިތުރު ނުވާނެ މިންވަރަކަށް ފުރުސަތު ދިނުމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ހައްޖާއި އުމްރާގެ އަޅުކަމަކީ ސައުދީއަށް ބޭރު ފައިސާ ވަންނަ މަގެއްވެސް މެއެވެ. ރޮއިޓާޒްއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ހައްޖާއި އުމްރާގެ އަޅުކަމުން އަހަރަކު 12 ބިލިއަނެއްހާ ޑޮލަރު، ސައުދީ އަރަބިއްޔާއަށް ވަދެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު މިއަހަރުގެ މާޗް މަހު ސައުދީ އަރަބިއްޔާއިންވަނީ މިއަހަރުގެ ހައްޖު ޕްލޭންތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް މުސްލިމު އުއްމަތަށް ގޮވާލާފައެވެ. އޭރު އޮތީ އުމްރާގެ އަޅުކަމަށް ވިސާ ދޫކުރުންވެސް ހުއްޓާލާފައެވެ.

ކަންމިހެން އޮތްއިރު މުސްލިމުންގެ މެޖޯރިޓީ އޮންނަ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އަދި މެލޭޝިއާއިންވަނީ މިއަހަރު އެ ގައުމުތަކުން ޙައްޖަށް ނުދާނެ ކަން ހާމަކޮށްފައެވެ. މި އަހަރު ޙައްޖަށް މީހުން ނުފޮނުވާން ނިންމި ގައުމުތަކުގެ ލިސްޓަށް ފަރަންސޭސިވިލާތްވެސް އިތުރުވެފައިވާއިރު، އިންޑިއާއިންވެސް ދަނީ މިކަހަލަ ވާހަކަތަކެއް ދައްކަމުންނެވެ.

ހައްޖުގެ އަޅުކަން ކެންސަލް ކުރުމަށް ސައުދީއިން ނިންމުން ވާނީ ސައުދީގެ މި ރަސްކަމުގައި އެފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރު ކަމުގައި ވީ ނަމަވެސް، އިސްލާމީ ތާރީހަށް ބަލާއިރު، އެކި ސަބަބުތަކާ ހެދި ހައްޖުގެ އަޅުކަން ކެންސަލްކޮށްފައި އެބަހުއްޓެވެ.