ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އދގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ ފާހަގަކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނާ މިޝެލް ބެޝެލޭ ވިދާޅުވީ މީހާ ނިސްބަތްވާ ގައުމު ނުވަތަ އެމީހެއްގެ ނިސްބަތަށް ބެލުމެއް ނެތި ރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު ނަން-އެލައިންޑް މޫވްމަންޓްގެ ޖެނީވާ ޗެޕްޓާގެ ވާޗުއަލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ނާމްގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަ އަޒަރްބައިޖާންގެ ސަފީރެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ހާލާ ހަމީދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ހައިކޮމިޝަނާގެ އޮފީހުން ކުރައްވާ މަސައްކަތަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮވިޑް-19 ގެ ފަރުވާގެ ކަންކަމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖޭގައި ތިބި ބޭރު މީހުންނަށް ކޮވިޑް-19 އާ ގުޅިގެން ބޭސްފަރުވާކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މީގެ ކުރިން އަރުވާފައެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސް ސޯލިހްގެ ސަރުކާރު އައި ފަހުން ރާއްޖެއަކީ މިސާލެއްކަމަށް މިދިޔަ އަހަރު އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.