މިރޭ ރައްޔިތުންގެ މަޖިލީހުގައި އޮތް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ހޫނުވެ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަންގެ އިސްތިއުފާ އަށް ގޮވައިފިއެވެ.

ސަރުުކާރުގެ މައި ޕާޓީ އެމްޑީޕީގެ ތެރެއިން ޕްރެޝާ ކުރަމުން ދިޔަ ވަގުތެއްގައި ބަލި ހާލަތު ހުރި ގޮތުން، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވާފައި ވަގުތެއްގައި ޑރ. ހުސެންގެ އިސްތިއުފާއަށް ގޮވާލެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

މިރޭގެ ބައްދަލުވުމުގައި މިނިސްޓަރުގެ އިސްތިއުފާއަށް ގޮވުމުގެ އިތުރުން، މިނިސްޓަރުންނަށް ރައްޔިތުންގެ އިހްސާސްތައް ނޭނގޭ ކަމަށް ބުނެ، ބަރުލަމާނީ ނިޒާމު ގެންނަންވެސް ގޮވާލާފައި ވެއެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އޭނާ ވިދާޅުވީ، މިހާރު މިއޮތީ އެންމެ ރަނގަޅު ނިޒާމުކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށާއި، ރައްޔިތުންގެ އިހްސާސްތައް ނޭނގޭ މިނިސްޓްރީތަކާއި މިނިސްޓަރުން ތަކެއް ބައިތިއްބައިގެން ކުރިއަށް ދާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ރައްޔިތުން ގުޅަނީ. ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަން ވެއްޖެ ކަންނޭނގޭ. ބަރުލަމާނީ ނިޒާމެއްގައި ވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ ނަގައިގެން މިނިސްޓަރުކަން ކުރެވެނީ.
މުމްތާޒު

މިރޭގެ ކޮމިޓީއަށް އެންވާރަމަންޓް މިނިސްޓަރު ހުސައިން ރަޝީދުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ހާޒިރު ކުރިއެވެ.

މިރޭ ކޮމިޓީއަކީ ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާނާއާ ގުޅޭ ގޮތުން ބޭއްވި ކޮމިޓީއެކެވެ.