ގާނޫނީ ފަންނުގެ ގާނޫނަށް އަވަސް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިތާ 6 މަސް ވެއްޖެއެވެ.

މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، މިދިޔަ މަހު 26 ވަނަ ދުވަހު ފުރަތަމަ ކިއުން އިއްވާ، މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެވެ. މި ގާނޫނަށް އިސްލާހު ގެނައުމަށް އެދިފައިވަނީ މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

ގާނޫނީ ފަންނުގެ ބިލަށް ހުށަހެޅި މައިގަނޑު އިސްލާހަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށް ކަނޑައާޅާ ޝަރުތުތައް މުރާޖައާ ކުރުމެވެ. އަދި ވަކީލުންގެ ޕްރެކްޓިސް އަދި ޕާޓްނާޝިޕްއާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމުގެ އިތުރުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމައި އަސްލާއި އެއްގޮތް ކަމުގެ ތަތްގަނޑު ޖެހުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް މުރާޖައާ ކުރުމަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

މި ގާނޫނަސް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން އެކެއް ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅިތާ 3 މަސް ދުވަހަކަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށް ކަނޑައާޅާ ޝަރުތުތައް މުރާޖައާ ކުރުމާ އެކޮމިޓީން ދެކޮޅު ކަމަށް ބާ ކައުންސިލަށް އަންގާފައެވެ. މިކަމާ ގުޅިގެން އެކައުންސިލްގެ ރައީސް މައުމޫން ހަމީދް ވިދާޅުވީ، މިހަރު މެންބަރުން ހިޔާލު ބަދަލުވެފައިވާތީ އުފާ ކުރައްވާ ކަމަށެވެ.

މައުމޫން ވިދާޅުވީ، އަދިވެސް ބާ ކައުންސިލުން ދެކެނީ އަލަށް ގްރެޖުއޭޓްވާ ވަކީލުން މި ގާނޫގައިވާ ގޮތަށް އަމަލު ކުރަން ޖެހުމަކީ ބޭ އިންސާފު ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއެކު މިކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި، މިކަމުގައި މަޖިލީހާއެކު މަސައްކަތް ކުރުމަށް ތައްޔާރު ކަމަށް މައުމޫން ވިދާޅުވިއެވެ.