މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުރިން ޑޮލަރުން ދެމުންއައި ނަމަވެސް މިމަހުން ފެށިގެން ރުފިޔާ އިން ދޭން ނިންމައިފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދު ނެރުނު އިންޓާނަލް ނޯޓިސްއެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ކުންފުންޏަށް ވަނީ މާލީ ދަތިތަކާއި ބޭރު ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވެފައި ކަމަށެވެ.
އިތުރަށް އެ ނޯޓިސްގައި ބުނެފައި ވަނީ އެ ކުންފުނީގެ ބޯޑުގެ ލަފާގެ މަތިން މި މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދޭނީ ދިވެހި ފައިސާ އިން ކަމަށެވެ.
އެމްއޭސީއެލުން މީގެ ކުރިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ 50 ޕަސެންޓް ދެމުން އައީ ޑޮލަރުންނެވެ.
ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މިދިޔަ ދެ އަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދަމުން އައި ކުންފުންޏެވެ. ނަމަވެސް ކޮވިޑް-19އާ ގުޅީގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ކުންފުންޏަކީވެސް އެމްއޭސީއެލެވެ. ސަބަބަކީ ކޮވިޑް-19އާ ގުޅުގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެފައި ވުމުންނެވެ.
މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއޖޭގެ ބޯޑަރު ބަންދުކޮށްފައިވާ ނަމަވެސް މިހާރު ސަރުކާރުން އަންނަނީ ޖުލައި މަހު ބޯޑަރު ހުޅުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންވެ.