ރާއްޖޭގެ އެތެރެ ކުރާ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑު ކޮށް ކޮންމެ ބިޑިއަކުން ވެސް ޑިއުޓީގެ ގޮތުގައި ތިން ރުފިޔާ ނަގާށެވެ.

ކުރިން ބިޑިން ޑިއުޓީ ނުނެގި ނަމަވެސް ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި 2 ރުފިޔާ ނަގަމުން ދިޔައެވެ. އަދި ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި އަގުގެ 200 ޕަސެންޓް ދަނީ ނަގަމުންނެވެ.

ސިނގިރޭޓުގެ ޑިއުޓީ 25 ޕަސެންޓް ނުވަތަ ސިނގިރޭޓަކުން 2 ރުފިޔާއަށް ހެދުމުން، ބާޒާރުގައި ސިނގިރޭޓުގެ އަގު ވަނީ 70 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިފައެވެ.

ޑިއުޓީއަށް ބޮޑުކުރަން ހުށަހެޅި މި ބަދަލާއެކު އަނެއްކާ ސިނގިރޭޓާއި ބިޑީގެ އަގު އުފުލިގެން ދާނެއެވެ.

ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ބޮޑުކުރަން ވިސާމް ހުށަހެޅުއްވި އިރު ބިޑިއާއި ސިނގިރޭޓު ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީއެއް ނަގަން ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް 500 މިލިއަނާ ގާތްކުރާ އަދަދެއްގް ސިނގިރޭޓް އިމްޕޯޓް ކުރާ އިރު 125 މިލިއަން ބިޑި އެތެރެ ކުރެއެވެ. ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް 550 މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ އާމްދަނީއެއް ސަރުކާރަށް ލިބެއެވެ.