ވާހަކަ އަޑުއަހަން ޝައުގުވެރިވާ ކުދިންނަށް ހާއްސަކޮށްގެން ހާއްސަ ޕްރޮގްރާމްއެއް އޮންލައިން ޕްލެޓްފޯމުގައި ލޯންޗްކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) ގެ ދިވެހިރާއްޖޭގެ ގޮފިން ހާމަކޮށްފިއެވެ.

ޔުނިސެފް މޯލްޑިވްސްއިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މެސެޖެއް ބުނާ ގޮތުގައި، ވާހަކަ އަޑުއަހަން ޝައުގުވެރިވާ ކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ "ވާހަކައިގެ ދުނިޔެ" މި ޕްރޮގްރާމް ލޯންޗްކުރަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 05:00 ގައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ލައިވް ކުރަން ހަމަޖެހިފައިވަނީ ޔުނިސެފް މޯލްޑިވްސް ގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.

ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކަތައް ހިމަނައިގެން ގެނެސްދޭ މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް ބުދަ އަދި ހޮނިހިރު ދުވަހުއެވެ. އުމުރުން 4-10 އަހަރާ ދެމެދުގެ ކުދިންނަށް ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސް ހާއްސަކޮށްފައިވާއިރު 4-6 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްފައިވަނީ ހޮނިހިރު ދުވަހެވެ. އަދި ޕްރޮގްރާމް އަޑުއެހުމަށް ކޮންމެ ކުއްޖަކުވެސް މައިންބަފައިން، ބެލެނިވެރިން ނުވަތަ ބޮޑު މީހަކާއެކު ބައިވެރިވުމަށްވެސް ޔުނިސެފް މޯލްޑިވްސްއިންވަނީ އިރުޝާދު ދީފައެވެ.