މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު މި މަހުގެ ތިންވަނަ ދުވަހު ހަމަވި ނަމަވެސް އާ ކައުންސިލް އިންތިހާބު ވަންދެން އެއްވެސް ކައުންސިލަރަކު އިސްތިއުފާ ނުދެއްވުމަށާއި ވަކިން ހާއްސަކޮށް އެމްޑީޕީގެ ކައުންސިލަރުން މަގާމުން އިސްތިއުފާ ނުދެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޒުވާނުން ގޮފީގެ ޒުވާނުންނާއި އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ ދައުރު ދަންމާލާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ތިބި ކައުންސިލަރުންގެ ތެރޭގައި ބައެއް ކައުންސިލަރުންނަކީ އަންނަ ދައުރަށް ކުރިމަތިނުލާ ކައުންސިލަރުން ކަމަށާއި އެހެންކަމުން ބައެއް ރަށްރަށުގެ ކައުންސިލަރުން މަގާމުން އިސްތިއުފާ ދެއްވަމުން އަންނަ ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދު ވަނީ މިހާރު ތިބި ކައުންސިލަރުންގެ ތެރެއިންވެސް އެމްޑީޕީ ކައުންސިލަރުން މަގާމުން އިސްތިއުފާ ނުދެއްވާ އިންތިގާލީ މަރުހަލާގައި ކުރާ މަސައްކަތްތަކަކީ ގައުމީ މަސައްކަތްތަކެއްގެ ގޮތުގައި ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު އެދެނީ މިއީ ގައުމީ ކަމެއްކަމުގައި ބަލައިގެން އަދި ޕާޓީއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބަލައިގެން ކައުންސިލަރުން މަގާމުން އިސްތިއުފާނުދެއްވާ މަގާމުގައި ދެމި ތިއްބެވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލްތަކަށް ދެމުން ގެންދާ ފައިސާވެސް ދަށްވާނެ ކަމަށެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން މިހާރު ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކައުންސިލްތަކަށް އާމްދަނީ ވެއްދުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުގާބޭ