މި ހިނގާ 1441 ވަނަ އަހަރުގެ ބަރަކާތްތެރި ހައްޖު މޫސުމުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރެވޭނެ މީހުންގެ އަދަދު އިންތިހާއަށް މަދު ކުރުމުގެ ވިސްނުމެއް އެގައުމުން ގެންގުޅޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ކަމާ ބެހޭ މައުލޫމާތު ލިބިފައިވާ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއިން ފުރުސަތު ދޭނީ 'ރަމްޒީ އަދަދެއްގެ' މުސްލިމުންނަށެވެ. މި ހުއްދަ ދޫކުރާނީވެސް ދޮށީ އުމުރުގެ މީހުންނާ، ސިއްހީ މައްސަލަތައް ހުންނަ މީހުންގެ ނަން އުނިކުރުމަށް ފަހުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އާ ގުޅިގެން 2 މަހެއްހާ ދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު ސައުދީ އަރަބިއްޔާގައި ހުންނަ މާތްވެގެންވާ މަސްޖިދު އަލް-ނަބަވީގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން/ފޮޓޯ: ޓްވިޓާ

މިއަހަރުގެ ހައްޖުގެ އަޅުކަން 'ކެންސަލް' ކުރުމަށް ބައެއް އޮފިޝަލުން ވަކާލާތު ކުރައްވާ ކަމަށް ޚަބަރު ލިބެއެވެ. ކަންމިހެން އޮތް ނަމަވެސް، ކޮންމެ ގައުމަކަށް ދޫކޮށްފައިވާ ކޯޓާގެ 20 ޕަސެންޓް މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށްވެސް އަނެއް ބައި އޮފިޝަލުން ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށްވެސް މަސްދަރާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، މިކަމުގައި ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ނިންމާފައިވާ ރަސްމީ ނިންމުމެއް އަދިވެސް އިއުލާން ކޮށްފައެއް ނުވެއެވެ. ކަންމިހެން އޮތް ނަމަވެސް، ދުނިޔޭގެ ނިސްބަތުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާއިންވަނީ، މިއަހަރު އެގައުމުން އެއްވެސް މީހަކު ޙައްޖަށް ނުދާނެ ކަން އިއުލާންކޮށްފައެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ މާތްވެގެންވާ މަސްޖިދު އަލް-ނަބަވީގެ ސެކިއުރިޓީ ބެލެހެއްޓުމާ ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޙަރަމައިންގެ ރައީސް ޝައިހު ޢަބްދުއްރަޙްމާން އަލް ސުދައިސް ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

ސައުދީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު، އެގައުމުގެ ބައިނަލްއަގުވާމީ ދަތުރުތައް މިހާރުވެސް އޮތީ މަޑުޖައްސާލާފައެވެ. އަދި ހުކުރު ދުވަހުން ފަށައިގެން ބައެއް ޖިއްދާގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ.

މި ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް 2.5 މިލިއަނެއްހާ މުސްލިމުން ހައްޖުގެ އަޅުކަން އަދާ ކުރެއެވެ. މިދިޔަ އަހަރުވެސް 2.6 މިލިއަނެއްހާ މުސްލިމުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، 19 މިލިއަނެއްހާ މުސްލިމުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ.