އޭޑީކޭން ކޮވިޑް ޓެސްޓް ކޮށްދޭ އަގަކީ އެކަމަށް ހަރަދުވާ އަގަށްވުރެ ކުޑަ އަގެއް ކަމަށް އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އައްފާލް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ޓެސްޓެއް އޭޑީކޭއިން ކޮށްދެނީ ރާއްޖޭގައި އެ ޓެސްޓް ކޮށްދޭނެ އެންމެ ހެޔޮ އަގުގައި ކަމަށް އޭނާ ވިދާޅުވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ހޮސްޕިޓަލެއްގައި ޕީސީއާރު މެޝިނެއް ބެހެއްޓުމަކުން ޓެސްޓްތައް ނުކުރެވޭނެ ކަމަށާ އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް ގިނަ މުވައްޒަފުން ހާއްސަކުރަން ޖެހޭ ކަމަށެވެ. އެ މުވައްޒަފުން ތިބެން ޖެހެނީ ޕީޕީއީ އަޅައިގެން ކަމަށާއި އެކަމަށްދާ ހަރަދަކީވެސް ކުޑަ އަގެއް ނޫން ކަމަށް އައްފާލް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 657 ރުފިޔާ ނަގާއިރު، މިކަމާ ގުޅިގެން އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލުގެ މަގްސަދަކީ އަގު ނަގައިގެން ފައިދާއެއް ހޯދުން ނޫން ކަމަށެވެ.
އޭޑީކޭއިން އެއަގުގައި ޓެސްޓު ހެދި ނަމަވެސް އާންމުންނަށް އޭޑީކޭއަށް ގޮސް ޓެސްޓް ނުހެއްދެއެވެ. އަދި އޭޑީކޭއިން ފީއެއް ނަގާނީ އެންއީއޯސީން ގެންދާ ސާމްޕަލްތައް ޓޭސްޓު ކުރުމަށް ކަމަށާއި އެގޮތަށް ޓެސްޓް ހެއްދި ކަމުގައިވީ ނަމަވެސް އާންމުން އެއްވެސް އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.