ވަޒީފާ އަދާކުރާ މީހެއްގެ ވަޒީފާ އެމީހެއްގެ ކުށަކާ ނުލައި ގެއްލިޖެ ނަމަ އެމީހަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެެވެ.

ޖީހާން މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ 12 އިސްލާހަށް ބަހުސް ކުރައްވަމުން އެ އިސްލާހުތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް އިސްލާހަށް ހުށަހަޅަމުންނެވެ. ޖީހާން ވިދާޅުވީ މި ވަގުތު ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ނެތް ނަމަވެސް ކޮވިޑްގެ ހާލަތުގައި ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރާއިރު "އަންއެމްޕްލޮއިމްނަޓް ބެނެފިޓް" ބާބެއް ހިމެނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިވަގުތު ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލިގެން ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ މި ދަނޑިވަޅުގައި އަންއެމްޕްލޮއިމަންޓް ބެނެފިޓް އޮތުމުން ވަޒީފާ އަދާކުރާ ފަރާތަށް ރައްކާތެރިކަން ހޯދައި ދެވޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަންއެމްޕްލޮއިމަންޓް ބެނެފިޓަކީ ވަޒީފާ އަދާ ކުރާ މީހާގެ ކުށަކާ ނުލައި ދިމާވާ ހާލަތަކާ ގުޅިގެން ނުވަތަ ކުރިމަތި ކުރުވި ހާލަތަކާ ގުޅިގެން އެމީހެއްގެ ވަޒީފާ ގެއްލިއްޖެ ހާލަތެއްގައި އެމީހަކަށް ދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަގްސަދުގައި ދެވޭ އެއްޗެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

"އެމީހެއްގެ ކުށަކާ ނުލައި ހާލަތާ ގުޅިގެން ނުވަތަ ކުރިމަތިކުރުވި ހާލަތަކާ ގުޅިގެން އެމީހެއްގެ ވަޒީފާ ގެއްލިއްޖެ ހާލަތެއްގައި އެމީހަކަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަގްސަދުގައި ދެވޭ އެއްޗެއް. ތަފާތު ނަންނަން މިއަށް ކިޔާ، އަންއެމްޕްލޮއިމަންޓް އިންޝުއަރަންސް، ޖޮބްސީކުއެންސް އެލަވަންސް، އެކަމަކު މަގްސަދަކީ މިއިން ހާލަތަކުން ވަޒީފާ އަދާކުރާ ފަރާތް ރައްކާތެރި ކުރުމަށް ދޭ އެއްޗެއް"
ޖީހާން މަހްމޫދު

މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކަށް ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައަޅާ އިތުރު ލަސްތަކެއް ނުކޮށް މި ގާނޫނުގެ ޒަރިއްޔާއިން މިނިމަމް ވޭޖް ދިނުމަށް ވެފައިވާ ވައުދު ފުއްދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިނިމަމް ވޭޖް ތިން ބޭންޑަކަށް ބަހާލައިގެން ހަމަޖައްސުމަށް ތާއީދު ކުރައްވާ ކަމަށާއި މިނިމަމް ވޭޖްގެ ގޮތުގައި ހަމަޖައްސާ އަދަދަކީ މުވައްޒަފެއްގެ އަސާސީ މުސާރަ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅުއްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ އިރު އެފަރާތްތަކަށް ސަރުކާރުން ދަނީ މިހާރު އިންކަމް ސަޕޯޓް އެލަވަންސެއް ދެމުންނެވެ. އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައި ވާ އެލަވަންސެކެވެ.

މިހާރު އިންކަމް ސަޕޯޓް އެލަވަންސް ދެމުން ދިޔަ ނަމަވެސް އަބަދު އެފަދަ އެލަވަންސެއް ނުދެވޭނެ ކަމަށާއި ވަޒީފާ ނުލިބި ތިބި ފަރާތްތަަކަށް ވަޒީފާ ނުލިބިއްޖެ ހާލަތުގައި ކަންކަން ވެދާނެ ގޮތަކާ މެދު ގިނަ ބަޔަކު އަންނަނީ މިހާރުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.