ރާއްޖޭގައި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.

މިއީ މިކަމަށް ވަކި ދުވަހެއް ކަނޑައަޅާ މި ދުވަސް ދުނިޔޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދގެ ޖެނެރަލް އެސަންބްލީން، ނިންމީ 2018، ޑޮސެމްބަރު 20 ވަނަ ދުވަހެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގްތިސޯދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަސް ބޭއްވި ރަސްމމިއްޔާތުގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެއެވެ. އަދި މިއީ އާއްމު ސިއްހަތަށް ހުރި ގޮންޖެހުމެއްގެ އިތުރުން އިގްތިސޯދަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" އެވެ. އެގޮތުން ދަނޑުން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވަނީ ގޮވަލާފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަސް ބޭއްވި ރަސްމމިއްޔާތުގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަސް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހކަ ދައްކަވަމުން މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ކަންކަން މިހާރު އޮތް ހާލަތަށް ބަލާއިރު ހޭލުންތެރިކަން އިތުރުކުރުމަކީ ފަށައިގަންނަ މަރުހަލާގެ އެންމެ މުހިންމު އެއް ކަން ކަމަށެވެ.

މިނިސްޓަރި އަމީން ވިދާޅުވީ، ކާބޯތަކެއްޗަކީ ވެސް ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށާއި، ދަނޑުން ސުފުރާއަށް އެކުރާ ދަތުރުކުގެ ކޮންމެ މަރުހަލާ އަކީ ވެސް ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށެވެ. އަދި ސިއްހަތާއި ވިޔަފާރިއާ އެކަށީގެންވާ ވަރުގެ ފަރަގެއްވާ ކަން ގަބޫލު ކުރަންޖެހޭ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަނެވޭނެ މައުލޫމާތު އިތުރު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތް، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެސެންޓޭޓިވް، ޑރ.އަރްވިދު މާތުރުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.